ފިތުނަ އުފައްދަން ދައްކާ ވާހަކަތަކުގައި ރައްޔިތުން ނުޖެހި ރިޔާސީ އިންތިޚާބު ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަދި ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠީފަށް ކާމިޔާބުކޮށްދިނުމަށް ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ރައީސް ޔާމީން ޑރ. މުއިއްޒަށް އަމާޒުކޮށް ނުރުހުމުގެ ބަސްތަކެއް ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް މީޑިޔާ ތަކުން ރިޕޯޓް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެކަން ދޮގު ކުރަށްވައި އެމަނިކުފާނުގެ ވަކީލުން މެދުވެރި ކުރަށްވައި މިއަދު ނެރުއްވި ނޫސްބަޔާނެެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ނަފްރަތުކުރާ، އަދި އެމަނިކުފާނަށް ނުޙައްޤު އަނިޔާދެމުން ގެންދާ ފަރާތްތަކުން، ރާވައިގެން ފަތުރާ މިފަދަ ބުހުތާނު ދޮގު ވާހަކަތަކަކީ ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ މެންބަރުންނާއި ރައީސް ޔާމީނަށް ތާޢީދުކުރައްވާ ޢާންމު ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، ބައިބައިކޮށް، މި ރިޔާސީ އިންތިޚާބު ޕީ.ޕީ.އެމް/ޕީ.އެން.ސީ އަށް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ކުރާ ވަރަށް ފިނޑި ޢަމަލުތަކެއް ކަމަށެވެ.

އަދި އެފަދަ ވާހަކަތައް ޤަބޫލުނުކުރުމަށާއި، ހުރިހާ ފަރާތްތަކަކުން ވެސް އިތުރު ހިތްވަރެއްލައި، މި ރިޔާސީ އިންތިޚާބު ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަދި ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠީފަށް ކާމިޔާބުކޮށްދިނުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ބަޔާނުގައި ޑރ.މުއިއްޒާއި ސެންބެ އަށް ރައީސް ޔާމިންގެ ފުރިހަމަ އިތުބާރާއި ތާއިދު އޮތްކަން އެމަނިކުފާނު ވަނީ ހާމަކުރަށްވާފައެެވެ.

"ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ އެންމެހައި މެންބަރުންނާއި ރައީސް ޔާމީނަށް ތާޢީދުކުރައްވާ އެންމެހައި ސަޕޯޓަރުން ވެސް ވޯޓު ލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޑރ. މުޙައްމަދު މުޢިއްޒު އަށް ކަމަށާއި، މި އިންތިޚާބުގައި ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮއްވަވަން އެމަނިކުފާނު ނުހަނު ބޮޑަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވޭ،" ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިންގެ ވަކީލުން ނެރުއްވި ބަޔާނުގައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން