އަހުމަދު މަސްނޫމް   1 ސެޕްޓެމްބަރު 2023 - 23:15
ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަނީ ފެއިލްވެފައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހުރި ކަންކަމާއި ގައުމުގެ ހާލަތާއި ގުޅޭގޮތުން އާއްމު ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށް ވީޓީވީ މެދުވެރިކޮށް މިއަދު ކުރިއަށްދާ ޕެނަލް ޑިސްކަޝަނެއްގައެވެ.

ގާސިމް ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތުން ގައުމުގެ ހާރިޖީ ސިޔާސަތު ކަނޑައެޅުއްވުުގެ އެންމެ އިސް ދައުރެއް އަދާކުރައްވަނީ ރައީސުލްޖުމްހުރިއްޔާކަމަށާއި އެއީ މިނިސްޓަރު ޒިންމާވާންޖެހޭކަމެއް ނޫންކަމަށެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހުމުގެ ފުރުސަތު މިއަދު އެހެން ގައުމުތަކަށް ދީފައިވާއިރު، މިނިވަންކަމާއި އިސްތިގުލާލު އަދި ސަރަހައްދީ އިމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ނުކުރައްވާކަމަށެވެ. އަދި ހާރިޖީ ސިޔާސަތު ބޮއްސުންލައި، ރާއްޖޭގެ ހާރިޖީ ސިޔާސަތު މިއަދު ވަނީ ފެއިލްވެފައިވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކައިގައި ވަނީ ސަރުކާރުގެ ބައެއް އެހެން ކަންކަމަށްވެސް ފާޑު ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ސަރުކާރުން ސްޓޫޑެންޓް ލޯނު ދިނުމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށްވިޔަސް، ކަންކަން ވެގެންދަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ.

"ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރާއި ހަމަޔަށް ލޯނު ނެގިއިރު، ތައުލީމީ ހާލަތު މިގޮތަށް ދާންޖެހޭ އަދި ސަރުކާރުން ލޯނެއް ދޭނެކަމަށް ހަމަޖައްސާފައިވާއިރު، ކިޔަވާކުދިން ލޯނު ނުލިބިގެން ސްޓްރަގަލް ކުރަން ޖެހޭނެ ސަރުކާރެއް އޮވެގެން ދިޔުމަކީ އެއީ އެކަމުން ފެއިލްވުން ދެއްތޯ ވަރަށް ވެސް ރީތިކޮށް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އާންމު ރައްޔިތު މީހާއަށް ސްޓޫޑެންޓް ލޯނުދޭނެކަމަށް އެއްބަސްވެ، އެއްބަސްވުން ހެދުމަށްފަހުވެސް އެލޯނު ނުލިބިގެން ފަހަތުން ދުވަން އެކުދިން އުޅެނީ ވަރަށް ދަތި ހާލުގައިކަމަށެވެ.

ގާސިމް ވިދާޅުވީ އެކި ކަންކަމުން ސަރުކާރު ފެއިލްވަމުންދާއިރު، އެ ސަރުކާރަށް ދެވަނަ ފުުރުސަތެއް ދިނުމާއި މެދު ރައްޔިތުން ވިސްނަވަންޖެހޭކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްދެއްވާއިރު، ރައްޔިތުންެ ވިސްނުންތެރިކަމާއެކު ވޯޓް ދެއްވުމަށް ގާސިމް އިލްތިމާސްކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން