ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭއަށް ވިސާއާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.

މިއަދު ދެސަރުކާރުގެ ދެމެދުގައި ގާއިމުކުރި މިކަމާ ގުޅޭ އެއްބަސްވުމުގެދަށުން، ދިވެހިންނަށް ވިސާއާ ނުލައި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެއެވެ. އަދި ހަމަ އެފަދައިން ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ރައްޔިތުނަށްވެސް ވިސާނެގުމެއްނެތި 90 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

މިއަދު ބެއިޖިންގގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު ޢަޒީމާއެވެ. އަދި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއަށް އެ ޤައުމުން ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އިޒަބެލް މައިސާ ދަ ގްރާސާ ދޮމިންގޮސްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަފީރު އައިޝަތު އަޒީމާވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށާއި މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭކަމަށް އުއްމީދުކުރަައްވާކަމަށް ވިދާޅުވެފައެވެ. އަދި އެމްބެސަޑަރ ދޮމިންގޮސްވެސްވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރަދުދަނާކޮށް ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިގެންދާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން