ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙީމް ފުރުއްވި ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ތަރައްގީ ގެނެސްދެއްވީ އަމާނާތްތެރިކަމާއި އެއްކޮށް ކަމަށް ގާސިމްގެ ކެމްޕެއިން މެނޭޖާ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ވީޓީވީއާއި ސަންގުޓީވީއިން މިއަދު ގެނެސްދިން ޚާއްސަ ލައިވް ކަވަރޭޖްއެއްގައި ވާހަކަދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ މީހަކު މަގާމެއްގައި ހުރެ ކުރި މަސައްކަތް އެނގޭނީ އެމީހަކު އެ މަގާމެއްގައި ހުންނެވިއިރަކު ނޫން ކަމަށާއި އެމީހަކު އެ މަގާމު ދޫކޮށްލުމުން، ކަމަށެވެ.

"މިނިސްޓާރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި އިރު އަޅުގަނޑުމެން ބަލާލަމާތޯ ގާސިމް ކީއްތޯ ކުރެއްވީ. ލޯ ލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާ. ދައުލަތުގެ ބަޖެޓްވެސް ބަދަލުކުރެއްވި. ދިވެހިރާއްޖޭގައި އަލަށް މަގާމްތަކަށް މީހުން އޯޕަންކޮށް ނަގަން ފެށީ ގާސިމްގެ ފިނޭންސް މިނިސްޓަރ ކަމުގައި" ޢަލީ ވަހީދު ވިދާޅުވިއެވެ.

"ގާސިމް ޕްރޫވް ކުރައްވާފައި ވަނީ ކޮންމެ މަގާމަކާއި ހަވާލުވިޔަސް އަމާނާތްތެރިކަމާއިއެކީ ޑައިނަމިކްކޮށް އެކަމެއް ޑެލިވާ ކޮށްދެއްވާކަން. މިއަދު މި ގައުމަށް ބޭނުންވަނީ އެފަދަ ވެރިއެއް" ޢަލީ ވަހީދު ފާހަގަކުރެއްވިއެވެ.

މިގެ އިތުރަށްވެސް، ގާސިމްއަކީ ގާސިމް އުފެއްދެވި ކޮންމެ ވިޝަންއެއް އަމަލުން ހަގީގަތަކަށް ހެއްދެވި ބޭފުޅެއް ކަމުން އޭނާ ވަނީ ގާސިމް 'ޓޯޓަލް ސޮލިއުޝަނެއްގެ' ގޮތުގައި ސިފަކުރައްވާފައިއެވެ. ޢަލީ ވަހީދު ވިދާޅުވީ ގާސިމް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރުވެސް ދައުލަތުގެ އެންމެ ލޯ ލާރިއެއްގައިވެސް ޖެހިފައި ނުވާނެ ކަމަށެވެ.

"މިއަދު ގެރެންޓީއެއް ބޭންވޭ ގައުމު އިސްކުރާނެކަމުގެ. އަޅުގަނޑުމެން ގާސިމް ހޮވަން މިތިބީ ގާސިމްގެ އަމަލާއި ބަހުން މިކަން ސާބިތުކޮށްދެއްވާފައި އޮތީމައި. އޮޑި މިއޮތީ ފަރުމަތީގައި. މީގެ މިސްރާބު ބަދަލުކުރެވޭނީ ގާސިމް ފަދަ މާލިމީއަކަށް" ޢަލީ ވަހީދު ވިދާޅުވީ މިއަދު ޤައުމުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ބޭނުންވަނީ ގާސިމް ފަދަ އިތުބާރު ހިފޭ ވަރުގެ ބޭފުޅެއް ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސެއިން މަނިކް ވިދާޅުވީ ފިނޭންސް މިނިސްޓަރ ކަމުގެ މަގާމް ފުރުއްވި އިރުގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ކުޑަ ތުހުމަތެއްވެސް އޭނާގެ މައްޗަށް ކުރަައްވާފައި ނުވާ ކަމަށެވެ.

"އެމަނިކުފާނުގެ ޒަމާނުގައި ޓްރެޜަރީގެ އެވްރެޖް ގްރޯތް ރޭޓް ޑަބަލް ޑިޖިޓްގައި ހިފެހެއްޓި ހަަމައެކަނި ހިފެހެއްޓި މިނިސްޓްރީ އޮފް ފިނޭންސްގެ މަގާމަކީ ހަމައެކަނި އެމަނިކުފާނު ވަޒީފާ އަދާކުރެއްވި ޒަމާނުގައި ކަން، އެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް" ނިހާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން