ހިޔާލު ތަފާތުވުން ހުއްޓަސް، އިސްކަން ދެނީ ސަރުކާރުން އެދޭގޮތަށް ރައްޔިތުންނަށް ފެނުގެ ޚިދުމަތް ދިނުމަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ސްޓެލްކޯ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އދ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް ބުރާސްފަތި ދުވަހު ދަނގެތީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވާދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، ދަނގެތީގެ ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދު އެވެ.

މިރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ސްޓެލްކޯއާއި ހަވާލުވުމަށްފަހު ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރުގައި ދަނގެތީގެ ކައުންސިލްގެ ފަރާތުން ފެނުގެ ނިޒާމުގެ މައްސަލަ ހުށަހެޅިކަމަށް ވިދާޅުވިއެވެ. އަދި އޭރުވެސް ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލުން ހުށަހެޅިކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.



މީގެ އިތުރުން، ޝަރީފް ވިދާޅުވީ، ދަނގެތީގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައި ހައުސިން މިނިސްޓްރީއާއި ހަވާލު ކުރި ކަމަށެވެ. އަދި ސަރުކާރުން ސްޓެލްކޯއާއި އެ ނިޒާމް ހަވާލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް، ސްޓެލްކޯއިން އެކަހަލަ އެއްވެސް ހިދުމަތަކާއި ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށާއި، އެ މިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރުގައި އެ ހިދުމަތްދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމް ކުރެވިފައި އޮތްތޯ ބެލުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ސްޓެލްކޯއާއި ހަވާލުވި އިރު، މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލުތަފާތުވުންތަކެއް ހުރިކަމަށާއި، ނަމަވެސް ބޭނުމަކަށްވީ ސަރުކާރުން އެދޭ ގޮތަށް ރައްޔިތުންނަށް ދަތިނުވާނެހެން ފެނުގެ ޚިދުމަތް ދެވޭން އިންތިޒާމު ހަމަޖެއްސުންކަމަށެވެ.



"އަޅުގަނޑު ސްޓެލްކޯއާއި ހަވާލުވި އިރުވެސް، މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލުތަފާތުވުމެއްގައި އޮތީ. އަޅުގަނޑު އައިސް އެވާހަކަ ދެއްކީމާ، ތިބޭފުޅުންނަށް ހަމަ ތެދު ތެދަށް މިދަންނަވަނީ. އަޅުގަނޑުގެ ފުރިހަމަ ބޭނުމަކަށްވީ، ހިޔާލުތަފާތުވުންތައް ދޫކޮށްލާފައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ސަރުކާރުން ދޭން ބޭނުންވާ އެހިދުމަތް ލިބިދެވޭނީ ކިހިނެތްތޯ. އެ ބެލުން." ޝަރީފު ވިދާޅުވި އެވެ.



"އަޅުގަނޑަށް ލިބުނު މައުލޫމާތުގެ އަލީގައި ދަންނަވާކަމަށްވާނަމަ، ބޭރުގެ އެކުންފުނިން، މިތަނަށް އަޅާފައި އޮތް ފެނުގެ ނިޒާމަކީ، އެއްގޮތަކަށްވެސް މިވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް، އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން. އޭގެ ދެ ސަބަބެއް ދަންނަވާލާނަން. އެއް ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާއެކު، ލޯވަޅު އެޅި ފެން ނުހިފަހައްޓާ. އަދި އާރުއޯ ޕްލާންޓުވެސް އެކަށީގެންނުވާ ޕްލާންޓެއް ހުރީ. އެއަށް ބޭނުންވާ ވަރަށް ނޫފެއްދޭ ވަރުގެ ޕްލާންޓް ހުރީ. އެއަށްވުރެ މުހިއްމު އަދި މި ހިދުމަތް އެއްގޮތަކަށްވެސް ނުދެވޭނެ ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މިތަނުގައި އަޅާފައިވާ ހޮޅިތައް ނުވަތަ ނެޓްވޯކް. އެ ހޮޅިތަކަކީ އެއްގޮތަކަށްވެސް ފެނުގެ ނިޒާމްގައި ބޭނުން ކުރުމަށް ފެން ޕްރެޝަރުގައި ދޫކޮށްލުމަށް އެކަށީގެންވާ ހޮޅިއެއް ނޫން." ޝަރީފު ވިދާޅުވިއެވެ.



ދަނގެތީ ފެނުގެ ނެޓްވޯކް ގާއިމް ކުރާއިރު، 365 ޓަނުގެ ދެ ޓޭންކާއި، 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލު ކުރުމާއި، 7000 މީޓަރުގެ ނެޓްވޯކް ލައިނެއް ގާއިމުކުރެވިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިމަސައްކަތް ނިންމުމަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބިފައިވާއިރު މާތްﷲގެ އިރާދަފުޅާއެކު، 3 މަސް ދުވަހުގެތެރޭ އެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން