ނުހެދި ހުރި ރިސޯޓްތައް ހަދަން ސަރުކާރުގެ އެހީ ބޭނުންވާނޭކަމަށާއި ނަމަވެސް އެކަން ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ މީގެކުރީ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތާއި، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެކަންކަން އިސްލާހުކުރާނެ ގޮތް ހާމަކޮށްދިނުމަށް ބޭއްވި ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ މި 5 އަހަރު ތެރޭގައި ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން މުޅިން ހޭދަކުރީ ބޭކާރު ހަރަދުތައް ކުރަންކަމަށެވެ. އަދި ދައުލަތަށް އާމްދަނީ އިތުރުވާނެ އެއްވެސް ކަމެެއް ސަރުކާރު ކުރިއަށް ގެންގޮސްފައި ނުވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިހާރުވެސް އެތައް ރަށެއް ރިސޯޓް ހަދަން ދޫކޮށްފައި އޮތްނަމަވެސް އެކިކަހަލަ މައްސަލަތަކާއި ގުޅިގެން އެރަށްތައް ހެދޭގޮތް މެދުވެރިވެފައި ނުވާކަމަށެވެ.

ގާސިމް ވިދާޅުވީ ރަށްތައް ނުހެދި ހުރި މައިގަނޑު ސަބަބަކީ އެކަމަށް ބޭނުންވާ ފައިނޭންސް ހަމަނުޖެހޭތީކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ހާއްސަ ސްކީމްތައް ހަދައިގެންވެސް އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރެވޭނެކަމަށާއި ނަމަވެސް މި ސަރުކާރުން އެފަދަ މަސައްކަތެއް ނުކުރާކަމަށް ގާސިމް ވިދާޅުވިއެވެ.

"ސަރުކާރުން ބޮޑެތި އިސްރާފުތައް ކުރާއިރު އަމިއްލަ ފަރާތަކަށް ރިސޯޓެއް ހަދަން ލާރިއެއް ދީފަ ނުވަތަ ބޭންކުން ތިން ހަތަރު މިލިއަން ޑޮލަރު ނުދީގެން މީހުން ބޭންކްރަޕްޓް ވެގެން އެބަދޭ. ދެން މިހިސާބަށް ދާއިރު، ސަރުކާރުން އޮތީ ބަލަހައްޓައިގެން. ސަރުކާރުން މިހުރިހާ ލާރި ދަރަންޏަށް ނަގައިގެން މި ސަކަރާތް ގަންނައިރު، މި ދެންނެވި ކަހަލަ މީހަކަށް ފައިސާދީގެން، މީ ދިވެހިންނޭ، ދިވެހިން އަތުގަ ހުރި ތަންތަނަށް އެވަރުގެ ލާރިކޮޅެއް ދީގެން ސަލާމަތްކުރެވެން ހުރި ކަންކަން ނުކުރީމާ ދެން ކީކޭތޯ ބުނާނީ؟ ކޮން ވާހަކައެއްތޯ ދައްކާނީ؟ ލާރި ކޮޅެއް ދީގެން އެރަށް އޮޕަރޭޓްކުރަން ފަށައިފިއްޔާ ޖީއެސްޓީވެސް ލިބޭނެ، ހުރިހާ އެއްޗެއްވެސް ލިބޭނެ. މިހާރު މި ހުރިހާ ދަރަނިތައް އަރައިގެންދިޔައިރު، 20 ބިލިއަނާއި ހަމަޔަށް ދަރަނިވެރިވެގެންދާއިރު، ގައުމަށް އިތުރު އާމްދަނީއެއް ލިބޭނެ އެއްވެސް ކަމެއް ނެތޭ ކުރެވިފައެއް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ވިޔަފާރިތަކަށް ފައިނޭންސް ނުލިބިގެން އުޅޭކަށް ނުޖެހޭނެކަމަށާއި އެކަމަށްޓަކައި މުއައްސަސާތައް ގާއިމްކުރައްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޕްރައިވެޓް ސެކްޓަރ އެތައް ގުނައެއް ކުރިއަށް ޖައްސާލާނެކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރިސޯޓެއް ނުހެދިގެން އުޅޭކަށް ނުޖެހޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން