ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުތައް ފުއްދައިފިއްޔާ، ޤައުމު ފަގީރުކަމުގެ ތެރެއަށް ގޮސްދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ މުޢިއްޒު ޢާންމުކުރެއްވި ތަފާތު އެކި ވައުދުތައް ފުއްދަވައިފިއްޔާ ބަޖެޓް ޑެފިސިޓްވެ އިންފްލޭޝަން މަތިވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އަސަރު ކުރާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މުޢިއްޒު ޢާންމުކުރެއްވި ތަފާތު އެކި ވައުދުތައް ފުއްދަވައިފިއްޔާ ބަޖެޓް ޑެފިސިޓްވެ އިންފްލޭޝަން މަތިވެގެންދާނެ، އެކަމުގެ ސަބަބުން ވިޔަފާރި ދަށްވެ ފަގީރުކަން އިތުރުވެގެންދާނެ،. އަދި އިޤްތިޞާދީ ކުރިއެރުމަށް ހީނަރުކަން އަންނާނެ،" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ފިއްތުންތައް ކުރިމަތި ކުރުވައި އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރުކޮށް، ރައްޔިތުންގެ މިނިވަންކަން ހަނިކުރާނެ ކަމީ އެންމެންނަށްވެސް އެނގޭ ކަމެއް ކަމަށެވެ. އެހެންކަމުން، ޑިމޮކްރެސީގެ ހަމަތަކަށް ތަބާވެ، ސާބިތުކަން މަތީ ދެމިހުންނަ އަދި އިތުބާރު ހުރި ލީޑަރަަކު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ހަމައެކަނި ރައީސް ޞާލިޙު ކަމަށް ޝަރީފް ވަނީ ވިދާޅުވެފައިއެވެ.

މީގެ އިތުރަށްވެސް، އޭނާ ވަނީ މިއަހަރުގެ އިންތިޚާބަކީ ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން،، މި އިންތިޚާބުގެ ނަތީޖާ އަންނަ ގޮތަކުން ރާއްޖޭގައި ދެމިއޮންނާނީ ޑިމޮކްރެސީ ނުވަތަ ރައީސް ޔާމީންގެ ދައުރުގައި އޮތް ޒާތުގެ ޚުދުމުހުތާރު ވެރިކަމެއް ކަން ކަނޑައެޅިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން