ރާއްޖޭގެ ވެރިކަން ނުލިބުމަކީ އަނިޔާވެރިކަން އަލުން އިއާދަކޮށް ދެން ތިބި ރައްޔިތުންނަށް އޭގެ ހަސްކާ ދޭން ޖެހޭ ކަމެއް ނޫން ކަމަަށް އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި އެމްޑީޕީން ރޭ ބޭއްވި "އުފާވެރި މާލެ" ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއާއި ގުޅުނު ބައެއް ބޭފުޅުން ބޭނުންވަނީ އަނިޔާވެރިކަން އަލުން އިއާދަކުރުން ކަމަށެވެ. އެގޮތުން އަމިއްލަ އެދުމުގައި ނުކުމެ އެބޭފުޅުން ބޭނުން ވަނީ އަނިޔާވެރިކަން އިޔާދަކުރަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ވެރިކަން ނުލިބުުމުން ނުވަތަ ވެރިކަން ބޭނުންވުމަކީ ރައްޔިތުންނަށް އޭގެ ހަސްކާ ދޭންޖެހޭ ކަމެެއް ނޫން ކަމަށެވެ.

"ސަރުކާރުގައި ބޭނުންވާ ވަރަށް ސަރުކާރުގައި ބައިވެރިނުވެވުނީމާ އެއީ ދެން ތިބި ރައްޔިތުންނަށް އޭގެ ހަސްކާ ދޭން ޖެހޭ ކަމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޑިމޮކްރެޓްސް ކެންޑިޑޭޓް އިލްޔާސް ލަބީބަށް މި އިންތިހާބުގައި ލިބިވަޑައިގަންނަވާނީ ހަތަރު ވަނަ ކަމަށެވެ. އަދި އެޕާޓީގެ މެމްބަރުންގެ ވޯޓް ބޭކާރު ނުކޮށް އެމްޑީޕީއާއި ގުޅުމަށް ފައްޔާޒު ވަނީ ދައުވަތު ދެއްވާފައެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްބުރުން ކާމިޔާބު ކުރަށްވާނެ ކަމަށެވެ. އަދި ވެރިކަމުގެ ދެ ވަނަ ދައުރު އެމަނިކުފާނު ކާމިޔާބު ކުރައްވާނީ 56 ޕަސެންޓަށް ވުރެ މަތިން ވޯޓް ހޯއްދަވައިގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެެ.

"ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެން އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން،" ފައްޔާޒް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން