ޕީޕީއެމްގެ އިސް ވެރިން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއާއި ދެކޮޅު ކަމަށާއި ޑރ. މުޢިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ބޭއްވި "އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކޯޓަށް ވަދެވަޑައިގެން އެތާނގައި މުޢިއްޒު އިންނެވި އިރުގައިވެސް މުޢިއްޒު ގެންދެވީ ޤާޟީ ޔާމީނަށް ޖަލު ހުކުމެއް ކުރެއްވުމަށް ހިތަށް އަރުވައިގެން އެކަމަށް އެދިވަޑައިގެން ދުޢާ ކުރަށްވަ ކުރަށްވާ ކަމަށެވެ. ޑރ. މުއިއްޒު ހުންނެވީ ވެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އެކަމަށް ތައްޔާރުވެ ވަޑައިގެން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މުޢިއްޒަށް ކެމްޕެއިން ކުރައްވާއިރުވެސް، ޕީޕީއެމްގެ އިސް ލީޑަރުންގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނަ ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

"މުޢިއްޒު ހުރީ ހަމަ ވެރިކަމަށް ފައްކާވެ ތައްޔާރުވެގެން. ހިތުން ކިޔާލަ ކިޔާލާ އޮތީ ޔާމީން ޖަލުގައި ލައްވާނދޭވެ. ކޯޓަށް ވަދެގެން އެތާނގައި އިން އިރުގައިވެސް މީނަގެ ހިތުގައި އޮތީ ޤާޟީ ހުކުމް ކުރައްވާނދޭވެ ޔާމީން ޖަލުގައި އޮވޭތޯ. މުޢިއްޒު އުފަލަކުން ހެޔެއް ނެތް. ޓިކެޓްގެ ކަންތައް ދިޔަ ގޮތުން، އަޅުގަނޑެއް ނޫން މިހެން ވިދާޅުވަނީ. އެބޭފުޅުން ވިދާޅުވަނީ ޓިކެޓް ނެގީ ވަގަށޭ. ކެމްޕެއިން ކުރަން ދާއިރުވެސް، އެއްވެސް ލީޑަރެއްގެ މޫނުމަތިން ހިނިތުންވުން ނުފެނޭ. އެންމެން ތިބީ ދެކޮޅަށް. މުޢިއްޒު ވެރިކަމަށް އައިއްޔާ ޔާމީން އޮންނާނީ ޖަލުގައި،" ރޭގެ ޖަލްސާގައި ވަރަށް ޖޯޝާއެކު ވާހަކަދައްކަވަމުން އިމްރާން ވިދާޅުވިއެވެ.



މި މޭރުމުން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ޑރ. މުޢިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީއިން ކަމަށެވެ. އޭނާ އަރިހުގައި މަގާމަކަށް އެދިވަޑައިގެން އާދޭސް ކުރަށްވާވަރުން ހިތަށް ކެތް ނުވެގެން ސަރުކާރުން ވަޒީފާއެއް ހޯއްދަވައިދެއްވި ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެން ނަމަވެސް، ކޮންމެ ފަހަރަކުވެސް ޑރ. މުޢިއްޒު ހައްދަވާ ގޮތަކީ، މަގާމު ލިބިވަޑައިގަތުމުން މަގާމް ހޯއްދަވައިދެއްވި ފަރާތް ދޫކޮށް ޕާޓީ ބަދަލުކުރެއްވުން ކަމަށް އިމްރާން ވިދާޅުވިއެވެ.

"ކުޑަކޮށް މުޢިއްޒުގެ ވާހަކަ ދައްކާ ނުލާ ފޭބުން ހަމަ އެއްގޮތަކަށްވެސް ހެޔޮނުވާނެ. ވެރިކަން ބަދަލުވެގެން މަގާމުތައް ބަހަންޖެހުނު ވަގުތުގައި މުޢިއްޒު ރުއީ ކުޑަކުއްޖަކު މަންމަ ކައިރީގައި ރޯހެން އަޅުގަނޑު ކައިރީގައި ރުއީ. އަޅުގަނޑު މުޢިއްޒަަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތްނުވާފަދައިން އަޅުގަނޑުގެ ލަގޮނޑިއަށްވެސް ކެތް ނުވެގެން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ މުޢިއްޒުގެ 'ސިޔާސީ ވަރަ' ފެޅީ އަދާލަތު ޕާޓީން ކަމަށެވެ. ނަމަވެސް މުޢިއްޒު ހުންނެވީ އޭރު އަދާލަތު ޕާޓީން ކުރާ ހުރިހާ ކަމަކާއި ދެކޮޅަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެހެން ނަމަވެސް، ވެރިކަން ބަދަލުވުމުން އިމްރާން އަރިހުން ވަޒީފާއަކަށް އެދިވަޑައިގެންނެވި ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ހަމަ އެ އުސޫލުން ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ވެސް މުޢިއްޒު އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް އަރިހުގައި އާދޭސް ދަންނަވައިގެން ހައުސިންގ މިނިސްޓަރ ކަމުގެ މަގާމް ހޯއްދެވި ކަމަށް އިމްރާން ވިދާޅުވިއެވެ. ސިޔާމްވެސް މުޢިއްޒުއާއި ދޭތެރޭ ރަނގަޅަށް ކަމޭހިތްތަވަމުން ދަނިކޮށް، ބޮޑު ޕާޓީއަކަށް ވެންނެވުމުގެ ނިޔަތުގައި، ރައީސް ޔާމީންގެ ޕާޓީ، ޕީޕީއެމް ތެރެއިން ބޮޑު މަގާމެއް ބޭނުންވެގެން ސިޔާމްގެ ޕާޓީ ދޫކުރެއްވީ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން، އިމްރާން ވަނީ ޑރ. މުޢިއްޒުއަށް ވޯޓު ނުދިނުމަށް ޕީޕީއެމް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން