ކުރިއަށް އޮތް ވެރިކަމުގެ ދައުރަށްފަހު، ސިޔާސީ ދާއިރާއިން ރިޓަޔާ ވާން ގަސްދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޓަޔަރ ކުރެއްވުމަށްފަހު ސިޔާސީ ދާއިރާއިން ފެނިވަޑައިނުގަތަސް، އެހެނިހެން ގޮތްގޮތަށް އެމަނިކުފާނު ރައްޔިތުންނަށް ޚިދުމަތްކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރަށްފަހު، އެމަނިކުފާނު އެއްވެސް ވަރަކަށް ސިޔާސީ މަސައްކަތަކުން ފެނިވަޑައި ނުގަންނަވާނެ ކަމަށެވެ.

"ސިޔާސީ އިތުރު މަސައްކަތެއްގައި އަޅުގަނޑު މި ދައުރަށްފަހު ނުފެންނާނެ. އެކަމަކު، އަޅުގަނޑު ރައްޔިތުންނަށް ކޮށްދެވޭނެ ބައެއް މަސައްކަތް އޮންނާނެ، ވޮލަންޓިއަރ." ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް އާއިލާއަށް ވަގުތު ދެއްވާ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް ރައީސްކަމުގެ މަސްއޫލިއްޔަތާއި ހަވާލުވުމަށްފަހު، އެކަން އެގޮތަށް ކުރައްވަން ދަތިފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.



"އަޅުގަނޑު މި މަޤާމް ލިބުމާއިއެކީގަ އަޅުގަނޑު ހީނުކުރާ ވަރުގެ ބަންދެއްގެ ތެރެއަށް ވަދެވިފައި މި ހުރީ، އަނެއްހެން ދަންނަވާ ނަމަ. އެއްވެސް ކަމެއް އަޅުގަނޑަކަށް އަމިއްލައަކަށް ނުކުރެވޭ. ތަނަކަށް ދާން ވެއްޖެ ކަމުގައި ވިޔަސް، ކުރީގައި ވެއްޖެއްޔާ ސައިކަލަށް އަރައިގެން ދާންވީ" ރައީސް ޞާލިހު ވިދާޅުވީ އެހެންވުމުން ބައެއް ފަހަރު އުނދަގޫވެސް ވާކަމަށެވެ. އެހެންވިޔަސް ވެސް، ހިތްހަމަޖައްސާލައިގެން ހުންނެވުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޝެޑިއުލްއާއި ބެހޭގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ދަމު ނަމާދުކޮށްގެން ފަތިސް ނަމާދަށް ބަންގި ގޮވަންދެން ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާ ބޭފުޅެއް ކަމަށެވެ. އަދި އެއްބައި ދުވަސްދުވަހު، ކީރިތި ޤުރްއާނުގެ ތަފްސީރުވެސް ބައްލަވާ ހައްދަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މި ދުވަސްކޮޅު ކެމްޕޭންގައި ބުރަކޮށް އުޅުއްވުމުގެ ތެރެއިން އެމަނިކުފާނަށް އަވަހާރަފުޅުލައްޕަވަން ލިބިވަޑައިގަތްނަވަނީ ގާތްގަނޑަކަށް 4 ގަޑިއިރުގެ ވަގުތުކޮޅެއް ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އެކަމަނާއާއި ބައެއް ކަންތައްތަކުގައި ޚިޔާލު ތަފާތުވާ ކަމަށެވެ. އަދި އެކަމަނާއަކީ ބައެއް ކަންތައްތަކުގައި އެމަނިކުފާނަށްވުރެ ސީރިއަސް ބޭފުޅެއް ކަމުން، އެމަނިކުފާނަށް އެކަމުގެ ސަބަބުން ވަރަށް ފަސޭހަފުޅު ވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން