ލޯނަކީ އެއިން ރަނގަޅަށް އިންވެސްޓް ކޮށްފިނަމަ ދަރަންޏެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން، ރައީސް ޞާލިޙު ވިދާޅުވީ ގައުމުގެ އިގްތިސާދާއި ރިޒާވަށް ބެލުމަށްފަހު ލޯން ނަގަން ޖެހޭ ޙާލަތުުގައި ލޯން ނަގަން ޖެހޭނެ ކަމަށެވެ. އަދި އެ ލޯނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނަމަ، އެއީ ދަރަންޏަކަށް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި އެއިން ފައިސާ ނަގައިގެން ޚަރަދުތައް ކުރަމުންދާނަމަ ނޭދެވޭ ނަތީޖާއެއް ނިކުމެގެންދާނެ ކަމަށެވެ.

"އިގްތިސާދީ ހާލަތު އެގައުމެއްގަ ހުރި ގޮތާ، ރިޒާވް ހުރި ގޮތަށް ބަލާފަ ލޯނަކީ ނަގަންޖެހޭ އެއްޗެއް، އަޅުގަނޑު ދެކޭ ގޮތުގަ. އެއީ އަޅުގަނޑު ދަންނަވާނީ، ލޯނަކީ ދަރަންޏެއްގެ ގޮތުގަ ބެލޭނެ އެއްޗެއް ނޫން ރަނގަޅަށް އިންވެސްޓް ކޮށްފިއްޔާ. އެފައިސާ ނަގާފަ، އެއިން ރިކަރަންޓް ޚަރަދުތަކާ ގިނައިން ޚަރަދުކުރާ ކަމަށް ވަންޏާ އެއިން ނުބައި އަސަރެއްކޮށްފާނެ. ނަމަވެސް އަޅުގަނޑުމެން ނަގަމުން އައި މި ލޯނުތައް ނެގީ އެގޮތަކަށް ނޫން." ރައީސް ޞާލިޙު ވިދާޅުވިއެވެެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ރައީސް ޞާލިޙު ވިދާޅުވީ މި ސަރުކާރަށް ލޯން ނަގަން މަޖުބޫރުވީ ކޮވިޑްގެ ޙާލަތާއި ގުޅިގެން ދައުލަތުގެ ރިޒާވްގަ ފައިސާ މަދުވުމުން ކަމަށެވެ. އަދި އެވަގުތު ރާއްޖޭގެ ވިޔަފާރި ދާއިރާގައި އެންމެ ފުންނާބު އުސް ބައެއް ބޭފުޅުންގެ ލަފާގެ މަތިން އެ ގޮތް އިޚްތިޔާރުކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ބޭފުޅުންގެ ލަފާގެ މަތިން ވިޔަފާރިވެރިންނަށް ފައިސާ ބެއްސެވި ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ސަންޓްރެވަލް ސަން ސިޔާމް، ޗަމްޕާ ޙުސައިން އަފީފު، މުޙައްމަދު މަނިކު، ޔުނިވަރސަލް ބޭފުޅުން ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް އަޅުގަނޑަށް ގުޅުއްވާ، ކަންތައްތަކުގަ އެބޭފުޅުންނަށް ފެނިވަޑައިގަންނަަވާ ގޮތުގެ ލަފާ ވިދާޅުވަމުން ގެންދެވި. އޭގެތެރޭގައި ޚާއްސަކޮށް އަފީފު އަޅުގަނޑަށް ވަރަށް ސާފުކޮށް ވިދާޅުވަމުން ގެންދެވި، ރައީސޭ މިވަގުތު ލިބެން ހުރި ތަނަކުން ފައިސާ ހޯދާށޭ. އެ ލޯނުގެ ގޮތުގަ ލިބޭނެއޭ. އެ ވިޔަފާރިވެރިންނަށް ދޭށޭ." ރައީސް ޞާލިޙު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ދެއްކެވި އިތުރު ވާހަކަފުޅުތަކަށް ބަލާލާއިރުގައި، ރައީސް ޞާލިޙު ވަނީ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްތަކުގެ އަގުތައް ކުޑަކުރެވޭނެ ގޮތެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ހާމަކުރައްވާފައިއެވެ. އެގޮތުން، މިހާރު މޯލްޑިވިއަންއަށް އިތުރުކުރަމުންދާ އައު ފްލީޓްގެ އެހީގައި ޓިކްޓްގެ އަގުތައް ކުޑަކުރުމުގެ އުންމީދު އެބައެޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި އޭގެ އިތުރަށްވެސް، ޑޮލަރުގެ އަގު ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ހިންގަން ކަނޑައަޅަން ކުރީގައި ގަސްދުކުރެއްވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވަކި މުއްދަތަކަށް ރާއްޖެއަށް ވަންނަ ޑޮލަރުގެ 30 އިންސައްތަ ބޭރުވިޔަ ނުދީ އެގޮތުގައި ހިފެހެއްޓިއްޖެ ކަމަށްވާނަމަ، ޑޮލަރުގެ އަގު 15 ރުފިޔާއަށްވުރެ ކުޑަވެގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން