ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ އުފެއްދުންތަކެއް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، އަދި ރާއްޖޭގެ ލީޑިން މެޑިކަލް ސަޕްލަޔ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

އެ ކަމަށްޓަކައި ކުރުނބާ މޯލްޑިވްސްގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އަހުމަދު އާދިލްއެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު އާއި އެސްޓްރަޒެނިކާގެ ބިޒްނަސް މެނޭޖަރ އަބިޝެކް ކައުޝިކް ގެ އިތުރުން ރާއްޖޭގެ ސިއްހީ ޚިދުމަތުގައި މަސައްކަތްކުރައްވާ ފާހަގަކޮއްލެވޭ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެސްޓްރަޒެނިކާގެ މި އުފެއްދުންތައް އެސްޓީއޯއިން ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރގެ ގޮތުގައެވެ. މިއާއެކު ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ޚަރަދު ކުޑަކޮށް ބޭސް އެތެރެކުރެވި، ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މީގެ ސަބަބުން ބާރު ލިބިގެންދާނެކަމަށް އެސްޓީއޯއިންބުނެއެވެ.

މި ރަސްމިއއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި މީހުންގެ ސިކުނޑީގައި އެ ނަމެއް ހަރުލި، އިތުބާރު އޮތް ބްރޭންޑެއްކަމަށެވެ. އަދި މީގެ އިތުރުން އެސްޓީއޯއިން މިހާރުވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާއެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރަމުންދާކަން ސައީދު ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ މިއީ ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެން އަންނަ ފާހަގަ ކޮށްލެވޭ ކުރިއެރުމެއްކަމަށެވެ. މި ކުރިއެރުމާއެކު އާންމުން ބޭނުން ކުރަމުން އަންނަ ބޭހުގެ ފެންވަރު ރަނގަޅުވެ، ބޭސް ލިބުމުގެ ދަތިތަކަމަށް ބޮޑު ހައްލެއްލިބިގެން ދާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރާއްޖެ އެތެރެކުރެވޭ ބޭސް ތަކަކީ ފެންވަރު ރަނގަޅު ބޭސްތަކަކަށްވުން ކަށަވަރުކުރުމަށް އެސްޓީއޯއިން މަސައްކަތްކުރަމުންދާއިރު، އެސްޓްރަޒެނިކާ ފަދަ ކުންފުންޏެއްގެ އުފެއްދުންތައް ލިބޭނެ މަގު ހޯދުން ވެގެންދާނީ އެސްޓީއޯއިން ފޯރުކޮށްދޭ ބޭހާމެދު ރައްޔިތުންގެ އިތުބާރު އިތުރަށް ބޮޑުވެގެންދާނެކަމެއްކަމަށް އެސްޓީއޯއިން ދެކެއެވެ.

އެސްޓްރަޒެނީކާ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށްވަނީ ރަޖިސްޓްރީ ކުރެވިފައެވެ. މީގެ ތެރޭގައި ކެންސަރު ބައްޔާއި، ގޭސްޓްރިކް، އަދި ހަކުރު ބަލީގެ މީހުންނަށް ޚާއްސަ ބޭސްތައްވެސް ހިމެނެއެވެ. އެސްޓްރަޒެނީކާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބޭސް ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި، އެސްޓީއޯގެ އަމާޒުތަކައް ވާސިލްވުމަށް އިތުކުރިއެރުންތައް ގެނުވައިދެވޭނެކަމަށް އެސްޓީއޯއިން އުއްމީދުކުރެއެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނީގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. އަދި މި ގޮތަށް ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެ ކުރުން ވެގެންދާނީ ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިޚުތިޔާރު ކުރާނެ ދާއިރާ ފުޅާވެ ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަކަށްކަމަށް އެކުންފުނިން ދެކެއެވެ. މިއީ ދިވެހިންގެ އާންމު ސިއްހަތާއި ދިރިއުޅުމަށް ލިބިގެން އަންނާނެ އިތުރު ކުރިއެރުމެއްކަމަށްވެސް އެސްޓީއޯއިން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން