އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ބައްދަލުކުރައްވައިފިއެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީނާއި ފާރިސް މައުމޫން ބައްދަލުކުރެއްވީ މިއަދު މާފުށީ ޖަލުގައެވެ.

ފާރިސްއާއި ރައީސް ޔާމީން ބައްދަލުކުރެއްވިނަމަވެސް، ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޔާމީން، ފާރިސްއާ ބައްދަލުކުރައްވާފައި މިވަނީ، ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއާމެދު ރައީސް ޔާމީނަށް ތާޢީދުކުރާ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އޮތް ދަނޑިވަޅެއްގައެވެ.

ފާރިސް މައުމޫނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލެކެވެ. އަދި ރައީސް ޔާމީނަކީ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅެވެ.

ރައީސް މައުމޫނާއި ފާރިސް، ރައީސް ޔާމީނާއި ދުރަށް ޖެހިވަޑައިގަތީ ޕީޕީއެމްގެ ވެރިކަމުގައި ހިނގި ސިޔާސީ ކަންތައްގަނޑަކަށްފަހުއެވެ. އެ ކަންތައްގަނޑުގެ ތެރެއިން މައުމޫން އުފެއްދެވި ޕީޕީއެމްގެ ވެރިކަން ޔާމީން ހޯޢްދެވިއެވެ.

ގިނަ ބަޔަކު ބުނާގޮތުން ކާމިނީގެއިން ރައީސް މައުމޫނަށްފަހު، ރައީސް ޔާމީން އަދި އެއަށްފަހު ދެން ވެރިކަމަށް ގެނައުމަށް "ގުރޫމް" ނުވަތަ ފައްކާކުރަމުންދިޔައީ ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫނެވެ.

ރައީސް މައުމޫނާއި އެމަނިކުފާނުގެ 4 ދަރިކަލުންގެ ތެރެއިން، 3 ބޭފުޅަކާއި ރައީސް ޔާމީނާއި މާބޮޑު ގުޅުމެއް ނޯވެއެވެ. ނަމަވެސް ރައީސް މައުމޫންގެ ހަގު ދަރިކަލުން ހުންނެވީ ސާބިތުކަމާއެކު ރައީސް ޔާމީން އަރިހުގައެވެ. އަދި ރައީސް ޔާމީނަށްފަހު ދެން ވެރިކަން ލިބިވަޑައިގަންނަވާނީ ޣައްސާން މައުމޫނަށްކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން