ރައްޔިތުން އަތުން އިތުރަށް ޓެކްސް ނެގުމުގެ ބަދަލުގައި މިހާރު އޮތް ޓެކްސް ނިޒާމް ހާމަނައިޒް ކުރަން ގަސްދުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އިން އިންތިޒާމްކޮށްގެން ހޮނިިހިރު ދުވަހުގެ ރޭ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލްގައި ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ އިތުރަށް ޓެކްސް ނުނަގާ، އެހެނިހެން ގޮތް ގޮތަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ގާސިމް ވަނީ މިރޭގެ ބަހުސްގައި އެކަން ކުރައްވާނެ ގޮތް ވެސް އޮޅުންފިލުވާދެއްވާފައެވެ.

"އަޅުގަނޑުގެ ރިޔާސީ ދައުރެއްގައި އާމްދަނީ ހޯދުމަށްޓަކައި އަޅުގަނޑު ތަފާތު މަސައްކަތްތައް ކުރަން އަޅުގަނޑުގެ ވިސްނުމުގައި އެބަހުރި. މިހާރު ހުރި ޓެކްސްގެ ނިޒާމު އަޅުގަނޑު ބަދަލުކުރާނަން. އެއް އުސޫލަކަށް ފައްތާލެވިގެން އަޅުގަނޑު އެކަންކަން ކުރިޔަށްގެންދާނީ. އިތުރު ޓެކްސްއެއް ތައާރަފްކުރާކަށް އަޅުގަނޑު ނުވިސްނަން. މިހާރު ޓެކްސް ނަގާ ދާއިރާތަކުގައި ހުރި ކަންކަން ހާމަނައިޒްކުރާނަން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ އޭނާގެ އެކި ކެމްޕެއިން ހަރަކާތްތަކުގައި އެމަނިކުފާނަށް ލިބިފައިވާ ވަޒީފާގެ އަދި ވިޔަފާރީގެ ތަޖުރިބާގެ އަލީގައި އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށްގެން، ގައުމަށް ލިބޭ އާމްދަނީ އިތުރުކުރައްވާނެކަން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. ގާސިމް ވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރަށްވައި، އެކަމަށް ހައްލެއް ގެނެސްދެއްވަން ބޭރުގެ ހިލޭ އެހީ ހޯއްދަވާނެ ކަމަށް މިރޭގެ ބަހުސްގައި ވިދާޅުވެފައިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ އިމްޕޯޓް ޑިއުޓީގެ ކަންކަންވެސް ހާމަނައިޒްކޮށްގެން އެއިން ލިބޭ އާމްދަނީއާއި އެކީގައި ޖޭޕީން ވެފައިވާ ވައުދުތަކާއި އެއްގޮތަށް އާމްދަނީ އިތުރުކުރެވޭނެ މަގު ފަހިކުރައްވާނެ ކަމަށެވެ. ގާސިމް ވަނީ އެމަނިކުފާނަށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައިއެވެ. އަދި ދައުލަތުން ބޭރަށް ދަރާފައިވާ ދަރަނި ދައްކަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައިވެއެވެ.

މިރޭގެ ބަހުސާމެދު ޚިޔާލު ފާޅުކުރަށްވަމުން ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަޙުމަދު ނިހާން ޙުސެއިން މަނިކް ވިދާޅުވިގޮތުގައި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން