އަންނަ ހޮނިހިރު ދުވަހު ބާއްވަނީ އިންތިހާބެއް ނޫން ކަމަށާއި މިއީ "އޮޕްޝަނެއް" ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓިވީގެ "ރިޔާސީ ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އެމަނިކުފާނަށް ރައްޔިތުން ވޯޓް ދޭންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހާ ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ލިބޭނެ ކަމަށާއި، ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ދާ އެހެނިހެން ޚަރަދުތައް ވެސް ހަމަޖައްސަވާނެ ކަމަށެވެ.

"ސިއްހީ ފަރުވާގައި އަޅުގަނޑުމެން ވިސްނާފައި އޮތް ގޮތަކީ ހުރިހާ ފަރާތްތަކަށްވެސް އެކަމަށް އެދިގެން އަންނަ ފަރާތްތަކަށް ސިއްހީ ފަރުވާ ފަސޭހަކަމާއިއެކު ހަމަޖައްސައި ދިނުން. މިހާރު އޮތް ގޮތަށް ބަލާއިރު ވަރަށް ތަކްލީފްތައް ބޮޑު ކަމެއް އެއީ. އެހެންވީމާ އަޅުގަނޑުމެން އެކަން ހާމަނައިޒްކޮށް އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން އެކަން ހަމަޖެއްސޭނެ އުސޫލުތަކެއް ހަމަޖައްސާނަން. ހަމައެހެންމެ ދުނިޔޭގެ މަތީފެންވަރުގެ ގައުމުތަކުން ބޭސް އެތެރެކުރެވޭނެ ގޮތަށް އުސޫލުބަދަލުކޮށް ގަވައިދުތައް ހަމަޖައްސައި ރާއްޖެ އެތެރެކުރެވޭނެ މަގުފަހިކޮށްދޭނަން." ޤާސިމް ވިދާޅުވިއެވެ.



ޤާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރުމަށްޓަކައި ކުރެވެންހުރި ކަންކަން ޖޭޕީގެ މެނިފެސްޓޯގައި ވަރަށް ރަނގަޅަށް ހިމަނާފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިޖްތިމާއީ އަދާލަތު ރަނގަޅުކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކާއި ގައުމުގެ އިގްތިސޯދީ އަދި ސިޔާސީ ކަންތައްތަކާއި ހާރިޖީ ކަންތައްތައް ރަނގަޅުކުރަން އުސޫލުތައް ވަރަށް ސާފުކޮށް ބުނެދީފައި އޮންނާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ޖުމުހޫރީ ޕާޓީގެ މެނިފެސްޓޯހާ ފުރިހަމަކޮށް އޮތް މެނިފެސްޓޯއެއް ނޯންނާނެ ކަމަށެވެ.

ޤާސިމް ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ތާއިދާއެކު އެމްޑީޕީ އާއި ޕީޕިއެމުން ވެސް ދެފަހަރަށް ރާއްޖޭގެ ވެރިކަން ކޮށްފައިވާ ކަމަށާއި އެ ދެޕާޓީގެ ވެރިކަންވީ "ފެއިލް" ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރަނގަޅު ކެންޑިޑޭޓެއް ރައްޔިތުން ވިސްނަންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އެހެންވީމާ މިހާރު ރައްޔިތުން ވިސްނާވަޑައިގަންނަވަންވީ ރަނގަޅު ކެންޑިޑޭޓަކާއި މެދުގައި. ކާކުގެތޯ އެކަމުގެ ގާބިލްކަން ހުރީ، ކެޕޭސިޓީ ހުރީ، މިދެންނެވި ގޮތަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މީހަކާ، މިދައްކާ ވާހަކަތައް އަޅުގަނޑުމެންނަށް އަމަލީ ގޮތުން ގެނެސްދެވޭނެ މީހަކަށް ވޯޓުދެއްވުން، އެއީ މުހިންމު ކަމަކީ، މިއީ އިންތިހާބެއް ނޫން. އޮޕްޝަނެއް." ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް ވިދާޅުވިއެވެ.

ރޭގެ މި ބަހުސްގައި ޤާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި ތަސައްވަރު ހާމަކުރަށްވާފައެވެ. އެގޮތުން ހާރިޖީ ސިޔާސަތަކީ، އެންމެ ފުރަތަމަވެސް، ދެވަނައަށްވެސް އަދި ތިންވަނައަށްވެސް ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތުކަމަށް ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކަށް ވާނީ، މީގެކުރީގައި ވެރިކަންކުރެއްވި ރައީސް އިބްރާހީމް ނާސިރާއި، ރައީސް މައުމޫން ގެންގުޅުއްވި ވަކިއަތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތުކަމަށެވެ. ޤާސިމް ރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި 2026 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން، 600 މިލިއަން ޑޮލަރު ގްރާންޓް އެހީގެ ގޮތުގައި ހޯއްދަވާނެކަމަށެެވެ.

"އޭގެ 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ހޯދާނަން. އަޅުގަނޑަށް އެކަން ޔަގީން ކުރެވޭ. އޭގެ އިތުރަށް ތަފާތު ރޮނގުތަކުން މިހާރު ހުރި ޓެކްސްގެ ނިޒާމް އަޅުގަނޑު ބަދަލު ކުރާނަން. އެއް އުސޫލެއްގެ ތެރެއިން ފައްތައިގެން އެކަން ކުރިއަށް ގެންދާނަން." ކުރީގެ ފިނޭސް މިނިސްޓަރުކަން ވެސް ކުރެއްވި ޤާސިމް ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން