މާލޭގެ ރައްޔިތުންނަށް ސަރުކާރުން ގޯތި ދެނީ ރާއްޖެތެރޭގެ މީހުން މާލެއަށް ޖަމާކުރުމުގެ ބޭނުމުގައި ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީން ރޭ ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރީ މި ސަރުކާރުން ކަމަށެވެ. ރައީސް ވިދާޅުވީ މާލެ އާއި ގުޅީފަޅާއި ހުޅުމާލެ އާއި ގިރާވަރު ފަޅުން މާލޭގެ ރައްޔިތުންނަށް ބިން ދޫކުރުމަކީ މައްސަލަ އެއް ނޫން ކަމަށެވެެ. އަދި އެކަމާ އިދިކޮޅަށް މަސައްކަތްކުރާ ބޭފުޅުންނަކީ މާލޭގެ ރައްޔިތުންނާއި މެދު ވަރަށް ބޭއިންސާފުން ވާހަކަ ދައްކަވާ ބޭފުޅުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ ސަރަހައްދުން ގޯއްޗަށް އެދުނު 19000 މީހުންނަށް ބިން ދޫކޮށްފައިވާ ކަމަށާއި، 13000 މީހުންނަށް ފުލެޓް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާނިމޭނެ ކަމަށެވެ. އަދި ގުޅީފަޅު ވެސް ނޮވެމްބަރަށް ހިއްކާ ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދިވެސް ގިރާވަރު ފަޅުންނާއި ގުޅީފަޅުން އެބައޮތް ބިން ދެވެން. އިރާދަކުރެއްވިއްޔާ އެދިފައި ތިބި ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ދީފައި ނޫނީ މި މަޝްރޫއު އަޅުގަނޑުމެން ހުއްޓައެއް ނުލާނަން، ޑރ. މުއިއްޒު ވިދާޅުވި ގުޅީފަޅުގެ ވާހަކަ، ގުޅީފަޅުން ކުރީގައި ދީފައި ހުރި ގޯތިތައް އަތުލެެއްވި ބަދަލުވެސް ނުދީ. އަޅުގަނޑުމެންގެ ސަރުކާރުގައި ޖެހުނީ އެއަށް ބަދަލުދޭން. ބިން ހިއްކި ފަރާތަށް ވެސް ފައިސާ ނުދީ ހުރީ. އެކަން ވެސް ކުރަންޖެހުނީ އަޅުގަނޑުމެންނަށް. ދެން ކިހިނެތްތޯ ގޯތި ދެވޭނީ." މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެމްޑީޕީގެ ސަރުކާރުން ގުޅީފަޅުން ދިން ފްލެޓްތައް އަތުލާފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ސަރުކާރުން ގޯތި ދެނީ ރާއްޖެ ތެރޭގެ މީހުން މާލެއަށް ޖަމާކުރަން ނޫން ކަމަށާއި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އާބަން ސެންޓަރުތައް ގާއިމް ކުރުން ކަމަށެވެ. އެގޮތުން އާބަދީ ބޮޑެތި ސަރަހައްދުތައް އެފެންވަރަށް ތަރައްގީކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރަައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން