ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތެއް ނިންމާއިރު ވޭތުވެދިޔަ 20 އަހަރު ގައުމުގެ އޮތް ހަލަބޮލި ހާލަތާއި ހަމަނުޖެހުމާއި މެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންނާއެކު ސަންގު ޓީވީން ބޭއްވި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ސެޕްޓެމްބަރު 9 ގައި ރައްޔިތުން ގޮތެއް ނިންމާއިރު ވޭތުވެދިޔަ 20 އަހަރު ކަޑައްތުކުރި ދުވަސްތަކާ ދޭތެރޭގައި ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް 2013 އިން 2018 އަށް ވެރިކަން ކުރި ސަރުކާރުން ވެރިކަން ކުރި ގޮތް ހަދާނަށް ގެންނަންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމިން ސަރުކާރުގެ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ހަމަނުޖެހުމާއި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ފަސް އަހަރު ހޭދަކުރަން ޖެހުނު ކަމަށެވެ. އެގޮތުން ސިޔާސީ ލީޑަރަކު ވިއްޔާ އޮތީ ޖަލުގައި ކަމަށާއި ނޫސްތަައް އޮތީ ބަންދުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ އެތައް އަނިޔާއެއް އޭރު ތަހައްމަލުކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެކަންކަން ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެއްވެސް މީހަކު ސިޔާސީ މައްސަލައެއްގައި ބަންދެއް ނުކުރާ ކަމަށާއި ރައްޔިތުން އެކަން ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން އޮންނާނީ އެގޮތަަށް ކަމަށާއި ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2018 ގައި ރައްޔިތުން ވެރިކަން ހަވާލުކުރުމުން އެތައް މަސައްކަތެއް ވޭތުވެދިޔަ ފަސް އަހަރުގެ ތޭރޭގައި ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ސިއްހީ ހިދުމަތާއި ތައުލީމީ ދާއިރާ އަދި ޒުވާނުންނަށް ހާއްސަކޮށް ހިންގުނު ގިނަ ކަންކަމާއެކު ހެޔޮ ބޮޑު ބަދަލެއް ގެނެވިފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން