ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން މޯލްޑިވްސް އިން މިނިމަމް ވޭޖް އަވަސްކޮށްދިނުމަށް ގޮވާލާ ބޭއްވި އެވުމެއްގެ ތެރެއިން.
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން މޯލްޑިވްސް އިން މިނިމަމް ވޭޖް އަވަސްކޮށްދިނުމަށް ގޮވާލާ ބޭއްވި އެވުމެއްގެ ތެރެއިން.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރާ، ޓުއަރިޒްމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް، (ޓީމް) އިން، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލީހަށް ތާއިދު ކުރަން ނިންފިއެވެ.

މިކަން ހާމަކޮށް ޓީމުން އާންމުކޮށްފައިވާ ބަޔާނުގައި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހައްގު ހޯދައިދިނުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި މީގެ ކުރީގެ ސަރުކާރަކުން ނުކޮށްދޭ މިންވަރަށް ރިސޯޓުތަކުގެ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތްކޮށް އެއްބާރުލުން ދީފައިވާކަމަށްވެސް ޓީމުން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގުޅުން ބަދަހިކޮށް ރިސޯޓުތަކުގެ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތްކޮށްފައިކަމަށް ޓީމުން ބުނެފައި ވެއެވެ. އެގޮތުން މަސައްކަތްތެރީންގެ ބައިވެރިވުމާއިއެކު މިނިމަމް ވޭޖް ކަނޑައެޅުމުގެ މުހިންމު ސިޔާސަތު ތަންފީޒުކޮށް، 10 އިންސައްތަ ސާވިސް ޗާޖު ނެގުން ލާޒިމުކޮށް އެކަން މޮނިޓާ ކުރުމުގެ ނިޒާމު ހަރުދަނާކޮށް، އުސޫލެއް ހަމައެއް ނެތި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށް ޤާނޫނު އިސްލާހުކޮށް، ރިސޯޓު މުވައްޒަފުން އެދުނުގޮތަށް ސްކޫލު ޗުއްޓީ އަށް ބޮޑު ބަދަލެއް ގެނެސްދީފައިވާކަމަށް ޓީމުން ހާމަކޮށްފައިވެއެވެ. މީގެއިތުރުންވެސް ރިޒޯޓު މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށް މިސަރުކާރުން އެތައް މަސައްކަތެއް ކޮށްފައިވާކަން ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ޓީމުން، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލީހަށް ތާއިދު ކުރަން ނިންމާފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮށްދީފައިވާ ގިނަ ކަންކަމުގެ އިތުރުން ކުރިއަށް އޮތް ދައުރުގައިވެސް ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންނަށް ހާއްސަ ސިޔާސަތުތަކެއް ރައީސް ސޯލިހު ކަނޑައަޅުއްވާފައިވާތީކަމަށް ބުނެފައިވެއެވެ.

ރައީސް ސޯލިހުގެ އުފާވެރި އަމާން ރާއްޖޭގެ މެނިފެސްޓޯގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މުހިންމު ވައުދުތަކެއް ވަނީ ވެފައެވެ. މީގެތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި، މަސައްކަތްތެރީންނަށް އާއިލާ ގާތަށް ދެވޭނެގޮތަށް ރިސޯޓުތައް އާރް.ޓީ.އެލް ފެރީ ނިޒާމާއި ގުޅުވައި ދިނުމާއި، ރިސޯޓުތަކުގެ އިސްމަގާމުތަކުގައި ދިވެހީންނަށް ފުރުސަތު ދިނުމާއި، ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށް މަތީތައުލީމުގެ ފުރުސަތު ދިނުމާއި، ބައިނަލްއަގުވާމީ ހޮސްޕިޓާލިޓީ ސްކޫލް ކެމްޕަސްއެއް ރާއްޖޭގައި ގާއިމުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ 500 ސްކޮލަރޝިޕްގެ ފުރުސަތު ދިނުމުގެ އިތުރުންވެސް މުހިންމު ކަންކަން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންނަށް ހާއްސަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން