ވިނަރެސް ފްލެޓް ލިބުނު މީހުންގެ ލިސްޓުގައި ނަން ހިމެނިފައިވާ ހުރިހާ ފަރާތްތަކުންވެސް، ގެރެންޓަރ ފޯމް، ގެރެންޓަރ ކުރެޑިޓް ރިޕޯޓް އަދި ޕާސަނަލް ކުރެޑިޓް ރިޕޯޓް ހުށައެޅުމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ފުލެޓްގެ ތަޅުދަނޑި ހަވާލު ކުރެވޭނެކަމަށް އަރބަންކޯއިން ބުނެފިއެވެ.

އަރބަނކޯއިން ބުނީ ހުޅުމާލޭގައި ތަރައްޤީކޮށް އާއްމުކޮށް ހުޅުވާލައިގެން ދޫކުރި ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާކަމަށެވެ. އެގޮތުން، ހިޔާ، ސީލައިފް އަދި ގުޅީފަޅުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ވިނަރެސް އަށް ބަދަލުވި ފަރާތްތަކަށް މިހާރު ތަޅުދަނޑި ހަވާލު ކުރެވިފައިވާއިރު، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައިފައިވާ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރުމަށް މިހާރު މަސައްކަތް ކުރަމުން ދާކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.

އަދި މިކަމުގައި ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތެއް އުނި ނުވާނެ ގޮތްތަކެއް ހޯދައި ދިނުމަށް، އަރބަންކޯއިން 'ލީސް.ޓު.އޯން މޮޑެލް' ގައި ވިނަރެސް ފްލެޓް ގަތުމަށް މާލީ ޤާބިލިއްޔަތުކަން ސާބިތުކޮށްދެވިފައިނުވާ ފަރާތްތަކަށް މާލީ ޤާބިލިއްޔަތުކަން ފުރިހަމަކުރުމުގެ އިތުރު ފުރުޞަތެއް ހޯދައިދީ ލުއިތަކެއް މިހާރު ހޯދައިދެވިފައިވާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

އެގޮތުން، އާމްދަނީ ސާބިތުކުރުމަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް ހުށައަޅައި، އެމް.އެމް.އޭ ގެ ކްރެޑިޓް ރިޕޯޓް ހުށަހަޅާފައިނުވާ ފަރާތްތަކުން މި ރިޕޯޓް ހުށަހަޅަން، އެލިޖިބަލް އީ.އެމް.އައި ސާބިތުނުވާނަމަ، ފޯމު މެދުވެރިކޮށް ގެރެންޓަރ އެއް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މިހާރު ދީފައިވާ ލުއިތަކުތެރެއިން ގެރަންޓަރ ގެ ކްރެޑިޓް ރިޕޯޓާއެކު އާއިލީ ގުޅުން ނެތް ފަރާތްތައްވެސް ގެރެންޓަރގެ ގޮތުގައި ހަމަޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މިކަމަށް ބޭނުންވާ ފޯމުތައް ފުރުމަށް އެ ކޯޕަރޭޝަންގެ ޓީމްތަކުން އެހީތެރިވާނެކަމަށް އަރބަންކޯއިން ބުނެއެވެ.

އަރބަންކޯއިން ބުނީ މިގޮތަށް ބަދަލު ގެނެސް އަލުން ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ވީހާވެސް ގިނަ ފަރާތްތަކަށް ވިނަރެސް އެޕާޓްމަންޓްތައް ބައްލަވައިގަތުމުގެ ފުރުސަތު ފަހިކޮށްދީ، ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ފުރުސަތުތައް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން