ރާއްޖޭގައި ތަރައްގީގެ މަޝްރޫއު އެންމެ ގިނައިން ހިންގީ މި ރިޔާސީ ދައުރުގައި ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ވަދެފައިނުވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރަށްވާ ދަތުރުފުޅުގެ ތެރެެއިން މިއަދު މެންދުރު ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ހިނގަމުން މިދާ ރިޔާސީ ދައުރަކީ ރާއްޖޭގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއު ހިންގި ދައުރު ކަމަށާއި ހުރިހާ ގޮތަކަށް ބެލި ނަމަވެސް އެކަން ފެންނަން އެބައޮތް ކަމަށެވެ.

އެހެން ނަމަވެސް ތަރައްގީގެ މަޝްރޫއު ތަކުން އެމަނިކުފާނުގެ އެކައުންޓަށް އެއްވެސް ފައިސާ އެއް ވަދެފައިނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިން ވެސް އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ފައިސާ ޖަމާވެފައިނުވާނެ ކަމަށެވެ. އަދި ވެރިކަމުގައި މިހާރު ހުންނެވިއިރު ވެސް އެކައުންޓަށް ފައިސާ ނުވަންނާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ހަމަގައިމު ވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ފައިސާ އެއް ވަދެފައެއް ނުހުންނާނެ، ކުރިއަކު ވެސް ނުވަދޭ މިހާރަކު ވެސް ނުވަންނާނެ ދެން ވެސް އަޅުގަނޑު އެކައުންޓަަށް ފައިސާ ޖަމައެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ތަރައްގީގެ މަސައްކަތްތައް ނުކުރެވި ލަސްވެގެންދިޔައީ ފަށާ ކޮންމެ ޕްރޮޖެކްޓަކުން ވެރިންނަށް ބައިއަޅަންޖެހޭތީ ކަމަށެވެ. އަދި ތަރައްގީގެ ޕްރޮޖެކްޓްތަކުގެ އަގު ބޮޑުވެގެން ދިޔައީ ވެސް އެމައްސަލައިގައި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަށް އެތައް ހާސް ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގެނީ ހާމަކަން ބޮޑުކޮށް އެކަން ކުރާތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެތައް ހާސް ޕްރޮޖެކްޓެއް އެއްފަހަރާ ފެށި ނިމެމުން މިދަނީ ހާމަކަމާއެކީގައި މިކަން އަޅުގަނޑުމެން ކުރާތީ، ދެފުށްފެންނަ ގޮތަށް މިކަން ކުރާތީ އަޅުގަނޑުމެންގެ ސިޔާސަތަކީ އެއީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ ކުރިއަށް ގެންދާނީ އެގޮތަށް." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން