ކުރީ ސަރުކާރުތަކުން ތަރައްގީގެ މަސައްކަތްތައް ކުރަނީ އިންތިޚާބަށް ވިސްނަވާފައި ކަމަށާއި އެއާއި ޚިލާފަށް މި ސަރުކާރުން މާ ކުރިން ފަށައިގެންވެސް ތަރައްގީ ގެނެސްދެމުން އަންނަ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅުގެ ތެރެެއިން މިއަދު މެންދުރު ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ރާއްޖެއަށް ކުރީ ސަރުކާރުތަކުން ތަރައްގީ ނުގެނެސްފައި ހުރީ ރައްޔިތުން އަޅުވެތިކަމުގައި ބައިތިއްބަން ކަމަށާއި އެސަރުކަރުތަކުން ކަންކަން ކުރަނީ އިންތިޚާބަށް ކަމަށެވެ. އިދިކޮޅަށް ވެރިކަން ލިބިއްޖެ ޙާލަތެއްގައި، ބޮޑު ތިލަދުންމަތީގައި ތަރައްގީކުރެވުނު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ކަންބޮޑުވުންވެސް ރައީސް މިއަދު ވަނީ ފާޅުކުރަށްވާފައެވެ.



"އަޑު އިވެނީ ވާދަވެރިންގެ އަތްމައްޗަށް ގޮސްފިނަމަ އެއަރޕޯޓް ހުއްޓާލާނެކަމަށް. އެ މީހުންގެ ނެތް އެ ތަސައްވުރެއް. ޓުއަރިޒަމަށް 50 އަހަަރު ވިއިރު މި އަތޮޅުގައި ހުޅުވުނީ 1 ރިސޯޓް. ކަންކަން ނުކުރަނީ އަޅުވެތިކަމުގައި ބައިތިއްބަން. ކަންކަން ކުރަނީ އިންތިހާބަށް. އަޅުގަނޑުމެން މަސައްކަތް ހުރީ އެހެނެއް ނޫން. އަޅުގަނޑުމެން މަސައްކަތް މިކުރަނީ މާކުރިން ފަށައިގެން." ނޮޅިވަރަންފަރު ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ދައުރަކީ މި ރާއްޖޭގެ އަތޮޅު ތެރޭގައި އެންމެ ގިނަ މަޝްރޫޢުތައް ހިންގުނު ދައުރު ކަމަށާއި އަދިވެސް ރަށްތައް ތަރައްގީކުރުމުގައި އެމްޑީޕީ ސަރުކާރަށް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި ގާބިލިއްޔަތުކަން އެބަހުރި ކަމަށެވެ.

ރައީސް މިއަދު ވަނީ ނޮޅިވަރަންފަރަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ސްކޫލަށް ބޭނުންވާ އިތުރު ކްލާސްރޫމްތައް އަޅާ، ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށް، ޒުވާނުން ކުޅިވަރު ކުޅޭނެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކޮށް، ސިއްހީ މަރުކަޒަށް އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއް ހޯއްދަވައިދެއްވުމުގެ އިތުރަށް ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ޒަމާނީ ފެންވަރަށް ބަނދަރު ތަރައްގީކުރަން އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.

މީގެ އިތުރަށްވެސް، އެތައް ސަތޭކަ ރަށަކަށް އެމަނިކުފާނުގެ ސަރުކާރުގައި އެމްބިއުލާންސް ފޯރުކޮށްދޭން ޖެހުމަކީ މީގެ ކުރީގައި ރާއްޖޭގެ ރަށްރަށަށް އެހެން ވެރިކަންތަކުގައި ތަރައްގީ ގެނެސްދިނުމުގައި މަސައްކަަތްނުކުރެވޭ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން