އެމަނިކުފާނާއި ވާދަކުރަށްވާ ކެންޑިޑޭޓުން ރާއްޖެ ތެރޭ މީހުންނަށް އެއްގޮތަކަށްވެސް އަޅައިނުލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރަައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ހދ. ފިނޭއަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓް ދޭންވީ އެމަނިކުފާނަށް ކަމަށާއި ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތަކީ އެއީ ކަމަށެވެ.

އަދި އެމަނިކުފާނަށް ރައްޔިތުން ދެއްވާ ވޯޓަކީ ބޭކާރުވެގެންދާނެ ވޯޓެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގެންދަން ބައެެއް ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރައްވާ ކަމަށާއި އެ ކެންޑިޑޭޓުންނަށް ރައްޔިތުން ދޭ ވޯޓަކީ ބޭކާރު ވޯޓެެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެތެރޭގެ ތަރައްގީއަށް މިއިން ޒަމާނަކު ނުކުރެވޭހާ ގިނަ މަސައްކަތް ވޭތުވެ ދިޔަ ފަސްއަހަރު ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ފެންނަން އެބަހުރި ކަމަށާއި، ދެން ވެސް ރާއްޖެތެރޭގެ ތަރައްގީއަށް މަސައްކަތް ކުރެވޭނީ އެމަނިކުފާނަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުން ކުރިއަށް ނެރުއްވާނީ އަމިއްލަ މަސްލަހަތާއި އަމިއްލަ ފައިދާ ކަމަށެވެ.

"މީގެ 40 އަހަރު، 50 އަހަރު ތެރޭގައި ކޮށްފައި ހުރި މަސައްކަތްތަކާއި މި ފަސްއަހަރުގެ ތެރޭގައި އެ ރަށްރަށައް ގެނެވިފައި ހުރި ބަދަލު، އަޅުގަނޑު ދަންނަވާނީ އެއިން ބޭފުޅަކަށް މިކަން ހަވާލުވެެއްޖެ ކަމަށް ވަންޏާ މިއިން އެއްވެސް ކަމެއް އެބޭފުޅުން ނުކުރައްވާނެ، އަމިއްލަ މަސްލަހަތު އިސްކޮށް އަމިއްލަ ފައިދާއަށްޓަކައި ކުރިމަތިލައްވައިގެން ތިބި ބޭފުޅުން އެބަތިބި. އެއިން ބޭފުޅަކަށް މިއިން ފުރުސަތެއް ލިބިއްޖެނަމަ އަޅުގަނޑުމެން އެއްވެސް މީހަކަށް އަޅައެއް ނުލާނެ، ބޭނުންވާނީ އަމިއްލަ މަސައްކަތައިގެން ކުރިއަށްދާން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން