ތ. އަތޮޅު ރުއްތިބިރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް އެރަށް ކުއްޔަށް ދޭން މިއަދު ޢިއުލާންކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން ހުޅުވާލާފައިވާ ބީލަމަށް ތ. އަތޮޅު ރުއްތިބިރަށް އިތުރުކޮށްފައިވާކަމަށެވެ.

މި ބީލަމުގެ ދަށުން އިޢުލާން ކޮށްފައިވާ އަނެއް ދެރަށަކީ ހއ. މެދަފުއްޓާއި ށ. ނަލަންދުއެވެ. މި ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފަހު ދުވަހަކީ މިމަހުގެ 21ވަނަ ދުވަހެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ މިމަހުގެ 17ވަނަ ދުވަހުގެކުރިން ޓުއަރިޒަމް މިމިސްޓްރީއަށް އީމެއިލްކުރުމުން މައުލޫމާތު ސާފުވާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

ތ. ރުއްތިބިރަށުގައި ރިސޯޓެއް ތަރައްގީކުރުމަށް އެންމެފުރަތަމަ ބަޔަކާ ޙަވާލުކުރީ 2013ވަނަ އަހަރުގައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެކަން ފުރިހަމަވެފައި ނުވެއެވެ. ރިސޯޓެއް ތަރައްގީކުރަން އެރަށް ޙަވާލުކުރީ އައިލެންޑް އޭވިއޭޝަނާއެވެ. އެއީ އައިލެންޑް އޭވިއޭޝަނުން ތިމަރަފުށި އެއާޕޯޓް ހިންގާތީ، ބަދަލެއްގެ ގޮތުގައި ހަވާލުކުރި ރަށެކެވެ.

އެރަށް އެކުންފުންޏާ ޙަވާލުކުރީ 2013ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ޖުމުލަ 50 އަހަރުގެ މުއްދަތަކަށް ހަވާލުކުރި މިރަށުގައި ރިސޯޓެއް ތަރައްޤީކުރަން 2016ވަނަ އަހަރު އެމްއެސްއެން ރިއަލިޓީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ އައިލެންޑް އޭވިއެޝަނުން ޙަވާލުކުރިއެވެ.

އެހެންނަމަވެސް މިހާތަނަށްވެސް ރިސޯޓުތަރައްޤީކުރުމުގެ މަސައްކަތް ފެށިފައެއް ނުވެއެވެ. އެހެންކަމުން އެކަންނުކުރެވޭނެ ކަމަށް ނިންމައި, އެމްއެސްއެން ރިއަލިޓީ މޯލްޑިވްސްއާ އައިލެންޑް އޭވިއޭޝަނާ ދެމެދު ހެދި އެއްބަސްވުން ބާޠިލްކޮށް އެރަށް އަނބުރާ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރުމަށް މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން