ސިޔާސީ ހަލަބޮލި ކަމަށް ގައުމު ގެންދިޔަނަމަ ތަރައްގީއަށް މަސައްކަތް ކުރަން އެމަނިކުފާނަށް ވަގުތެެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންގައި ހދ. ނައިވާދޫއަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ސިޔާސީ ހަލަބޮލި ކަމަށް ގައުމު ގެންދިޔުމަކީ އެމަނިކުފާނު ބޭނުންފުޅުވި ގޮތެއް ނޫން ކަމަށެވެ. އަދި ސިޔާސީ ހަލަބޮލި ކަމަށް ގައުމު ގެންދިޔަނަމަ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށް އެމަނިކުފާނަށް ވަގުތެއް ނޯތީސް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުން ނޫން ވިސްނުމެއް އެމަނިކުފާނުގެ ނެތް ކަމަށެވެ.

"ސިޔާސީ ހަލަބޮލި ކަމަށް ދިޔުމަކީ އަޅުގަނޑު ބޭނުންވި ކަމެއް ނޫން، އަޅުގަނޑު އެކަން ކުރިނަމަ ރައްޔިތުންނަށް މިދޭ ޚިދުމަތްތައް ރައްޔިތުންގެ ތަރައްގީއަށްޓަކައި މި ކުރި މަސައްކަތް ކުރާކަށް އަޅުގަނޑަކަށް ވަގުތެެއް ނޯތީސް، އަޅުގަނޑުމެން ހަރަދެެއް ނުކުރަން ބަޖެޓްގެ ބޮޑު ބައެއް ޕެޕަ ސްޕްރޭ އަކަށް، މީގެ ކުރީގެ ފަސް އަހަރަށް ތިބޭފުޅުން ބައްލަވާލައްވާ، ބަޖެޓްގެ ތަފްސީލަށް ޕެޕަ ސްޕްރޭ އާއި ކަރުނަގޭހާ ގަތުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި އޮތީ ކިހާވަރެއްތޯ؟ ޖަހާ ހުސްކުރީ ރައްޔިތުންގެ ލޮލަށް، މޫނަށް ކަރުތެރެއަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކޮށްލުމަށް އެތެރެއާއި ބޭރުން ގިނަ މަސައްކަތްތަކެއް ބަޔަކު ކުރި ކަމަށާއި އެހެން ނަމަވެސް މިސަރުކާރުން އެ ފުރުސަތު ނުދެެއްވީ ކަމަށެވެ. އެ ހަލަބޮލި ކަމުގައި އެމަނިކުފާނު ޖެހިވަޑައިގެންފިނަމަ މިއަދު މި ދެކޭ ހެއު ބަދަލެއް ނުފެންނާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައްޔިތުން މިއަދު އުއްމީދު އާވެފައިވާ ކަމަށާއި ބޭނުންވަނީ ގަައުމަށް އައި ހެއުބަދަލާއެކު ކުރިއަށް ދިޔުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން