އެމަނިކުފާނުގެ ވެރިކަމެެއްގައި ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހެރެތެރެ އާއި ޝަންގްރިއްލާ އަލުން ހުޅުވާލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑު ސިޓީ ހިތަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އައްޑު އަތޮޅަށް ރޯޝަނީކަން ގެނެސްދެއްވާނެ ކަމަށެވެ. އަދި އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރާނެ ކަމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ހެރެތެރެ އާއި ޝަންގްރިއްލާ އަލުން ހުޅުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މާތް ﷲ އިދާރަކުރެއްވިއްޔާ ޝަންގްރިއްލާ އާއި ހެރެތެރެ ހެދިގެންދާތަން ފެންނާނެ. އަދި އޭގެއިތުރަށް ފަސް އަހަރު ހަމަވެގެންދާއިރު، މެދުކެނޑުމެއް ނެތި ދުވާލަކު ތިން ހަތަރު އިންޓަނޭޝަނަލް ފްލައިޓް ޖައްސާތަން ތިބޭފުޅުންނަށް ފެންނާނެ." ރައްޔިތުންގެ މަޖިލީހުގެ މާމިގިލީދާއިރާގެ މެމްބަރު ކަން ވެސް ކުރަށްވާ ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމަށް ރައްޔިތުން ދެ ފަހަރު މަތިން ވެރިކަން ހަވާލުކުރި ކަމަށާއި އެ ދެޕާޓީ ވެސް މިހާރު ފެއިލް ވެފައި ކަމަށެވެ. ޤާސިމް ވަނީ ތަރައްގީގެ މަގުގައި ކުރިއަށް ގެންދަން ބޭނުން ވާނަމަ، އިސްލާހު ކުރަން ބޭނުންކަމުގައި ވާނަމަ، މިނިވަންކަން ދަމަހައްޓަން ބޭނުންވާ ވާނަމަ، އިސްލާމްދީނާއި އަޅުގަނޑުމެންގެ ގައުމިއްޔަތާއި އަހުލާގު ދަމަހައްޓަން ބޭނުންވާނަމަ، ދަރަނީގެ ދަންތުރައިން ސަލާމަތް ކުރަން ބޭނުން ވާނަމަ އެމަނިކުފާނަަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން