ވިލާ އެއަރ އިން ހިންގާ ގދ.ކާޑެއްދޫ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރަމުންއައި މަސައްކަތް މުޅިން ނިންމައި ވަރަށް އަވަހަށް ޚިދުމަތް ފަށާނެކަަށް ވިލާ އެއަރއިން ބުނެފިއެވެ.

ވިލާއެއަރއިން ބުނެފައިވަނީ ކާޑެއްދޫ އެއަރޕޯޓު އިންޓަނެޝަނަލް ސްޓޭންޑެޑަށް ތަރައްޤީކުރުމަށް މިކަމުގެ ތަޖުރިބާކާރު ބައިނަލްއަޤްވާމީ ކުންފުންޏަކާ ޙަވާލުކޮށްގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިމަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށްވެސް ވިލާ އެއަރއިން ބުނެއެވެ.

އެހެންކަމުން އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެ އަވަހަށް މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާ، ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓު ވަރަށް އަވަހަށް ހުޅުވި ޚިދުމަތް ފެށޭނެކަމަށް އެފަރާތުން ބުނެއެވެ. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ވިލާ އެއަރއިން މިހާރު ކުރަމުން އަންނަކަމަށްވެސް އެފަރާތުން ބުނެއެވެ.

ކާޑެއްދޫ އެއާޕޯޓަކީ މިހާރު ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހިންގަމުން އަންނަތަނެކެވެ. އެ އެއާޕޯޓުގައި އާ ކޯޑް ޑީ4ގެ ރަންވޭއަކާއ،ި އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ހިނގަމުންނެވެ.

ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި ދިވެހި ސަރުކާރާއި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި އެއްބަސްވުމެއް އޮއްވައި ކުރީގެ ސަރުކާރުން އެ އެއްބަސްވުން ބާޠިލްކުރިއެވެ. އޭރުވެސް ވިލާއިން އައީ އެއަރޕޯޓު ހިންގަމުންނެވެ. މިމައްސަލައިގައި ކޯޓަށް މައްސަލަ ހުށަހެޅުމުން ސުޕްރީމްކޯޓުން އެ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅާފައެވެ. އެއާއެކު އެ އެއްބަސްވުން އަލުން އިއާދަކޮށް މިދިޔަ އަހަރުގެ މާޗްމަހު ވިލާއާ އަލުން އެއަރޕޯޓު ޙަވާލުކުރިއެވެ.

މިހާރު ހިނގަމުންދާ ތަރައްޤީގެ މަސައްކަތްތައް އަލުން ފެށީ އޭގެފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން