ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށް އަންނަން އައްޑޫ ރައްޔިތުންނަށް ދަޅަ ދައްކާފައި، ވެރިކަން ލިބުމުން ވައުދުތައް ފުއްދަން ހަނދާން ނެތޭ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި "ހާސްކަނޑާލާ، ހަމަޖެހޭނެ" ކެމްޕޭން ބައްދަލުވުމުގައި ވާޙަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ޕީޕީއެމްގެ ވެރިކަން ގެނައިމަވެސް، އައްޑޫ ރައްޔިތުންގެ ޖީބަށް އެއްވެސް އެއްޗެއް ވަންނަ ގޮތަށް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. ގާސިމް ވިދާޅުވީ އައްޑޫ ސިޓީގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ލިންކް ރޯޑް ތަރައްގީކުރިފަހުން އައްޑޫގައި ފާހަގަކޮށްލެވޭ އިތުރު ތަރައްގީއެއް ގެނެސްދެވިފައި ނުވާ ކަމަށެވެ. އަދި ވަޒީފާގެ ފުރުޞަތުތައްވެސް ވަކި އިތުރުކުރެވިފައި ނުވާ ކަމަށްވެސް ގާސިމް ފާޙަގަކުރެއްވިއެވެ. މި ކަމުގެ މިސާލު ރާއްޖޭގެ ތާރީޚީ ލަވަޔަކުން ޖައްސަވައި ގާސިމް ވިދާޅުވީ "ގިރިޓީ ލޯބިން ދައްކާ ދަޅަ" މި ލަވައެވެ.

"ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ކީއްތޯ ކުރެއްވީ. އަޅުގަނޑަށް އިނގޭ އޭނަގެ އަނދުން ލޮލުގައި އަޅައިގެން ތިބި ވަރަށް ގިނަ ބަޔަކު މިތާނގަ އެބަތިއްބެވިކަން."

ގާސިމް ވިދާޅުވިގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓް ވަނީ އިންޑިއާގެ ޖީއެމްއާރާއި ހަވާލުކޮށްފައި ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބިގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް، ރައީސް ނަޝީދުގެ ސަޕޯޓަރުންނަކަށް އެމަނިކުފާނަށް ހެދޭ ގޯހެއް ފާހަގަނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ހަމައެއާއިއެކު، އެއް ވެރިޔަކު އައްޑޫ ސިޓީގެ ކުޅި ހިއްކާލާފައި އެތަނުގައި ކޮންވެންޝަން ސެންޓަރެއް އަޅާލުމުން، ދެން އައި ވެރިޔަކު އެތަން ހޮސްޕިޓަލަކަށް ބަދަލުކުރެއްވި ކަމަށެވެ. އެހެން ނަަމަވެސް، ބޭސް ފަރުވާ ކުރަން ޖެހުނީމާ، މާލެއަށް އަންނަން ޖެހިފައިވުމީ ބޮޑު ތަކުލީފެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެވަރުންވެސް އަޅުގަނޑުމެން މި ތިބީ ހަމަ އަތްޖަހަން، މާފަތި އަޅުވައިގެން. ހެޔޮނުވާނެ. ނިކަން ވިސްނަވާ ވަޑައިގަންނަވާ، ރާއްޖޭގެ ރައްޔިތުން." ގާސިމް ވިދާޅުވިއެވެ.

އަދި ވޯޓް ލުމުގެ ކުރިން ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ މާޒީއަށް ބައްލަވާލެއްވުމަށްވެސް އިލްތިމާސްކުރެއްވިއެވެ. އެހެންނޫނީ، އަނެއް 5 އަހަރުވެސް 15 އަަހަރުވެސް ދާނީ އެ ފޮނި ދަޅަތައް ދެއްކުމުގައި ކަމަށް ފާޙަގަކުރައްވަމުން ގާސިމް ވިދާޅުވީ، "ރަން ގިރިޓީކުރާ ވާހަކަ ދައްކާ ލަވަ، ކީކޭތޯ އެ ލަވައަށް ކިޔުއްވަނީ. ގިރިޓީ ލޯބިން ދައްކާ ދަޅައިން، ހަމަ އެޔެކޭ އެއްވެސް ތަފާތެއް ނެތް. އިނގޭތޯ" އައްޑޫ ރައްޔިތުންނާ ރޭ މުހާތަބުކުރައްވަމުން ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން