ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ފިނޭންސް މިނިސްޓަރކަމުގެ ތިން އަހަރުގައި ދައުލަތުގެ ޖީޑީޕީ އެންމެ އުހުގައި އުޅުނު ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަޙުމަދު ސައުދު ޢާންމުކުރެއްވި ތަފާސް ހިސާބުން ދައްކައިފިއެވެ.

ސައުދު ޢާންމުކުރެއްވި ތަފާސް ހިސާބެއް ދައްކާގޮތުގައި 2005 އޮގަސްޓުން ޖުލައި 2008އަށް ގާސިމް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ދައުލަތުގެ ޖީޑީޕީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ދައްކައެވެ.

އެގޮތުން، ގާސިމް އެ މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު 1.2 ބިލިއަން ޑޮލަރުގައި އޮތް ޖީޑީޕީ، ގާސިމް މަގާމުން އިސްތިއުފާދެއްވިއިރު 2.3 ބިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައި ވެއެވެ. އަދި މިއީ 92 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ކަމަށާއި ފަހުން އައި ސަރުކާރެއްގައި އެ މިންވަރު ހާސިލުކުރެވިފައި ނުވާ ކަމަށްވެސް ފާހަގަ ކުރެވެއެވެ.

ހަމައެއާއިއެކު، ގާސިމް މަގާމަށް އައްޔަންކުރެވުނުއިރު 5 ބިލިއަން ރުފިޔާގައި އޮތް ދައުލަތުގެ ބަޖެޓް، ގާސިމް މަގާމުން ވަކިވެވަޑައިގަތްއިރު، 12 ބިލިއަަން ރުފިޔާއަށް ބޮޑުކުރެވިފައިވާކަން އެތަފާސް ހިސާބުން އެނގެއެވެ. ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި، ގާސިމް މަގާމާއި ހަވާލުވެވަޑައިގަތްއިރު ހުރީ ޖީޑީޕީގެ 40 އިންސައްތައިގައެވެ. ނަމަވެސް، ގާސިމް މަގާމު ދޫކުށްލެއްވިއިރު އެ އަދަދު 36 އިންސައްތައަށް ކުޑަކުރެވުނު ކަމަށް ސަައުދު ޢާންމުކުރި ލިޔުމުގައި ބަޔާންކޮށްފަެި ވެއެވެ.

މީގެ އިތުރަށްވެސް، ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓްގައި ޖަހައިގެން ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކަށް ޢާންމު އުސޫލުން ސްކޮލާޝިޕް ދޭން ފެށީވެސް ގާސިމްގެ ވަޒީރުކަމުގައެވެ. އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގަައި ބޭނުންކުރަން ފެށި ޕަބްލިކް އެކައުންޓިންގ ސިސްޓަމް (ސެޕް) އިމްޕްލިމެންޓްކުރަން ބޭރުގެ ފަރާތްތަކާއި ވާހަކަދައްކަވައިގެން އެއާއި ގުޅުންހުރި ބޮޑު މަސައްކަތެއް ގާސިމްގެ ފިނޭންސް މިނިސްޓަރކަމުގެ ދަށުން ކުރިއަށް ގެންދެވުނު ކަންވެސް ފާހަގަކުރެވެއެވެ.

މި ހުރިހާ ކަންކަމަށް ރިއާޔަތްކޮށް ސައުދު ވަނީ ގާސިމަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ރަނގަޅު ފިނޭންސް މިނިސްޓަރ ކަމަށް ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން