މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރީގެ ރައީސުން ކަމުގައިވާ ރައީސް މުޙައްމަދު ނަޝީދު ނުވަތަ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސިޔާސީ ކެރިއަރ ނިމުމަކާއި ހަމައަށް އަންނާނެ ކަމުގައި ޖުމްހޫރީ ޕާޓީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯޔީ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ މި އިންތިޚާބަކީ މި ދެ ސިޔާސީ ބޭފުޅުންގެ ކެރިއަރަށް ވަރަށް މުހިންމު އިންތިޚާބެއް ކަމަށާއި މި އިންތިޚާބުގެ ނަތީޖާއިން ކޮންމެވެސް އެއް ބޭފުޅެއްގެ ސިޔާސީ ހަޔާތް ނިމުމަކާއި ހަމައަށް އަންނާނެ ކަމަށެވެ.

އިލްހާމް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދެވުނު އެކި ސަރވޭތަކުގެ އަލީގައި އޭނާއަށް އެނގޭ ކަމަކީ މި އިންތިޚާބުގެ ގަދަ ތިނެއްގައި ވާދަކުރައްވަނީ ތިން ބޭފުޅުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ޑރ، މުޙައްމަދު މުޢިއްޒު ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި ތިން ބޭފުޅުން ވާދަކުރައްވަނީ ވަރަށް ކައިރިކައިރީގައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް އިތުރަށް ވިދާޅުވިގޮތުގައި ސެންޓަރުތަކުން ކުރިއަށްގެންދިޔަ ސާރވޭތަކުން ދައްކާ ގޮތުގައި 40 އިންސައްތަ މީޙުން އަދި މިވަގުތަށް ތާއީދުކުރާ ބޭފުޅެއް ނިންމާފައި ނުވާ ކަމަށެވެ. އަދި ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި އެމްޑީޕީ މެންބަރުންގެ އަދަދުތައް އެއްކޮށްލުމުން ވޯޓުލެވޭ މީހުންގެ އަދަދު 80،000 އަށް އަރާއިރު، ބާކީ ގާަތްގަނޑަކަަށް 145،000 ވަރަަކަށް މީހުން ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެެ.

އޭނާ ވިދާޅުވިގޮތުގައި މީހަކު ނުބުންޏަސް، އެންމެންނަށްވެސް އެނގޭ އެއް ކަމަކީ ޕީޕީއެމް މެންބަރުންގެ ތާއީދު އޮތީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށެވެ. އަދި ރައީސް ޔާމީން ނޫން އެހެން ބޭފުޅަކަށް ޕީޕީއެމް މެންބަރުންގެ ތާއީދު ލިބުމަކީ ނާދިރު ކަމެއް ކަމަަށް އޭނާ ވިދާޅުވިއެވެ.

އަދި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެ ޕާޓީގެ އެތެރޭގެ މަސްރަހު ހޫނުވެގެން ދާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން