އިންތިޚާބުތަކާއި ދިމާކޮށް، ބައެއް ރަށްތަކަށް ސިޓީގެ ދަރަޖަ ދިނުމަކީ ބައެއް ބޭފުޅުން ވޯޓު ހޯދަން އަޅުވާ އަނދުނެއްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޮނަރަބަލް ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ފުވައްމުލަކަކީ ހުރިހާ ސަރުކާރަކުންވެސް އަޅާނުލައި، ބާކީކޮށްފައި އޮތް ސިޓީއެއްކަމަށާއި، މިދިޔަ 15 ވަރަކަށް އަހަރު ތެރޭގައި އެ ރަށަށް އަންނަންޖެހޭ ހަގީގީ ތަރައްޤީ އެރަށަށް އައިސްފައި ނުވާކަމަށެވެ.

ގާސިމްގެ ވާހަކަފުޅުގައި ވަނީ ފުވައްމުލަކުގެ އިޤްތިޞާދު ފުޅާކޮށް، އެ ސިޓީއަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ސިޓީއެއްގެ ދަރަޖަ ފުވައްމުލަކަށް ދީފައިވީނަމަވެސް، ސިޓީއެއްގެ ގޮތުގައި އެ ރަށް ތަރައްޤީވެފައި ނުވާކަން ގާސިމް ފާހަގަކުރެއްވިއެވެ.

"މިއީ ކޮން ކަހަލަ ސިޓީއެއްތޯ؟ ބޭސް ސިޓީއެއްތޯ؟ ސިޓީއެއް ވިއްޔާ ތަފާތުތަކެއް ހުންނަން ވާނެ ދެއްތޯ؟" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސިޓީއެއްގެ ދަރަޖައާއެކު ހުންނަންޖެހޭ ސިފަތަކެއް ހުންނާނެކަމަށެވެ. އަދި ސިޓީގެ ދަރަޖަ ދިނުމަކީވެސް ބައެއް ބޭފުޅުން ވޯޓު ހޯދަން އަޅުވާ އަނދުނެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވާނަން ވަކި ބޭފުޅެކޭ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުވައްމުލަކު ސިޓީއަށް އަންނަންޖެހޭ ތަރައްގީ ގެނެސް، ހަގީގީ ސިޓީއަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އިޤްތިޞާދު ފުޅާކޮށް، ފުވައްމުލަކު ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ހޯއްދަވައިދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެ ސިޓީގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން