އިދިކޮޅު ފަރާތްތަކަށް ރައްޔިތުން ވެރިކަން ދީފިނަމަ ލާމަރުކަޒީ ގާނޫނުގެ ދަށުން މި ސަރުކާރުން ދޫކުރި ބާރުތައް އަތުލައި ބާރުތައް އެއްތަނަކަށް ޖަމާކުރާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ރޭ ވިދާޅުވެއްޖެއެެވެ.

ހދ.ކުޅުދުއްފުށީގައި ރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަކުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކާއި އިދިކޮޅު ފަރާތްތަކުގެ ސިޔާސަތުތަކާއި ވަރަށް ބޮޑެތި ތަފާތު ތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު މަރުކަޒީ ބާރުތައް ދޫކުރަމުންދާ ކަމަށާއި، ހިންގުމުގެ ބާރާއި ގޮތް ނިންމުމުގެ ބާރު ކައުންސިލްތަކަށް ދޫކުރައްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ޕީޕިއެމްގެ ވެރިކަމުގައި ކުރިން އެކަން އޮތީ މަރުކަޒު ކުރެވިފައި ކަމަށާއި ލާމަރުކަޒީ ނިޒާމް އޮތީ އޭގެ ބޭނުން ނުހިފޭނެ ގޮތަށް ހަދާފައި ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ކުޅުދުއްފުށި ސިޓީއަށް ހެޔޮ ބަދަލު ގެންނަވަން ކަމަށާއި، އެކަމަށް ބޭނުންވާ ކަންކަން ރާއްވަވާފައި ވާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ ސިޔާސަތުތައް ކުރިއަށް ދާއިރު ކުޅުދުއްފުށީ ސިޓީ ވެގެންދާނީ އިގްތިސާދީ ބޮޑު ހަބަކަށް. އުތުރުގެ އެންމެ ބޮޑު ހަބަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ވާދަވެރިންގެ ސިޔާސަތަކީ އެއްތަނަކަށް ބާރުތައް ޖަމާކޮށް އިގްތިސާދުވެސް އެއްތަނަކަށް ޖަމާކުރުން ކަމަށެވެ. މިއަދުވެސް މަސައްކަތް ކުރަނީ އެގޮތަށް ކަމަށާއި، އެ ފުރުސަތު ދީފިނަމަ އަނެއްކާވެސް ބާރުތައް ޖަމާކޮށް ހިފަހައްޓާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ދެންވެސް އަޅުގަނޑުމެންނަށް އޮޅިގެން ވެސް އެބޭފުޅުންނަށް ވެރިކަން ހަވާލު ކުރެވިއްޖެއްޔާ އަނެއްކާވެސް ދާނީ އެ މަރުކަޒީ ނިޒާމްގެ ތެރެއަށް ބާރުތައް ޖަމާކުރުމުގެ ނިޒާމުގެ ތެރެއަށް،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން