އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު އަރިހުން އެއްވެސް ކަމެއް ނުޙައްޤުން ހޯދަން އެދިވަޑައިނުގަންނަވާނެ ކަމަށް އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ އޭނާ ރައީސްއާއިއެކު ކޯލިޝަން ހަދަން ނިންމެވީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނެ ހަމައެކަނި ވެރިއަކީ ރައީސް ޞާލިޙު ކަމަށް ވާތީއެވެ. "އަޅުގަނޑެއް ނާހާނަން އަޅުގަނޑު ރިސޯޓެއް ހަދާކަށެއް ރައީސުލްޖުމްހޫރިއްޔާ ކައިރީ ރަށެއް ދޭކަށް. އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރީ އަޅުގަނޑަށް ލެގޫނެއް ދޭކަށް. އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރިއަކު އަޅުގަނޑަށް ނުހައްގުން މިވެނިކަމެއް ކޮށްދޭށެކޭ" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ބޮޑުތިލަދުންމަތީގައި ރައްޔިތުންނަށް މަންފާވާ އެތަކެއް މަޝްރޫޢުތައް ހިންގާކަމަށް ފާޙަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަަރައްގީކޮށްގެން ހުޅުވާލެވޭ ފަތުރުވެރިކަމުގެ ކުރިއެރުންތައް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނަކީ އިޤްތިޞާދީގޮތުން ތަނަވަސް ނިންމުންތައް ނިންމަވާ ބޭފުޅެއްގެ ގޮތުގައިވެސް ސިޔާމް ސިފަކުރެއްވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ އެހެން ބޭފުޅަކަށް ވެރިކަން ލިބިވަޑައިގެންފިނަމަ، އެ މަޝްރޫޢު ހުއްޓުމަކަށް އައިސް ކުރިއަށް ނުގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން، ރައީސް ޞާލިޙަށް ވޯޓްލުން މުހިންމުކަމަށް ސިޔާމު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން