ރ. އަތޮޅު އުނގޫފާރަކީ އެ އަތޮޅުގެ ވެރިރަށް ކަން އިހުސާސްވާ ވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރުގައި މިއަދު މެންދުރު ބޭއްވި "އުފާވެރި އަމާން ރާއްޖެ" ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވަނީ އެ ރަށަށް ތަރައްގީ ގެނެސްދިނުމަށްޓަކައި އެކި މަޝްރޫއުތައް ހިންގަވަން ގަސްދުކުރައްވާކަން ހާމަކުރަށްވާފައެވެ.

"ރާއްޖޭގެ ރަށްތައް ތަރައްގީކުރުމުގައި ވެފައިވާ އިހުމާލު ވަރަށް ބޮޑު. މިއީ ވެރިކަން ކުރާ ރަށުގެ އިހުސާސްކަން ލިބޭ ވަރަށް މި ރަށް ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން ތަރައްގީ ކުރާނަން." ރައީސް ވިދާޅުވިއެވެ.

އެގޮތުން، ބިން ހިއްކުމުގެ ވައުދު ފުއްދުމާއިއެކު ހައުސިންގ ޕްރޮޖެކްޓުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ސްކޫލުގެ އައު އިމާރާތަކާއި ރަށުގެ ފުޓްބޯޅަ ދަނޑުގައި ސިޑި ބަރިއެއް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ހޮސްޕިޓަލް ތަރައްގީކޮށް ހޮސްޕިޓަލްގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކްއެއް އަަޅައިދިނުމުގެ އިތުރަށް ޒަމާނީ ފެންވަރަށް މަގުތައް ހެދުމަށްވެސް ރައީސް ވައުދުވެވަޑައިގަތެވެ.

ރައީސް ޞާލިޙު ވިދާޅުވީ 2013 އިން ފެށިގެން ދިވެހިން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ކުރީގެ ރައީސް ނަޝީދު ފަދަ އެތައް ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންނާއި ނޫސްވެރިންގެ މިނިވަންކަމަށް ކުރި ނޭދެވޭ އަސަރުތައް 2018 ގެ އިންތިޚާބުން ބަދަލުވެގެންދިޔަ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އަނިޔާވެރިކަން ތަމްސީލުކުރައްވާ ކެންޑިޑޭޓުންނަށް ނަޒަރު ހިންގާލާ، ފުންކޮށް ވިސްނާލެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.



"އަޅުގަނޑުމެންނަށްވުރެ ރަނގަޅު ގޮތެއް އަދި ރާއްޖެއަކު ނެތް. ފެނާއި ނަރުދަމާ ހުރިހާ ރަށަކަށް، ލަފާ ފުރުމުގެ ދަތިކަން ހައްލުކުރަމުން އަޅުގަނޑުމެން މި ދަނީ. (ރިސޯޓް މުވައްޒަފުންނަށް) ސާވިސް ޗާޖްވެސް ލިބެމުން އެބަ ދޭ." ރައީސް ޞާލިޙު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން