އެކި ގައުމުތަކުން ލިބުނު ހުށަހެޅުންތަކަށް އިންކާރުކުރުމަށްފަހު، ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީގެ ފުޓްބޯޅަ ކުޅުންތެރިޔާ ސާޖިއޯ ރާމޯސް ސެވިއްޔާއަށް ސޮއިކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ޑިފެންޑަރ ރާމޯސް އިޚްތިޔާރުކުރީ އޭނާގެ ކުރީގެ ކްލަބަށް ސޮއިކޮށްގެން އެނބުރި ގައުމަށް ދާން ކަމަށް ޚަބަރުތައް ބުނެއެވެ. މިދިޔަ ސީޒަންގައި ފްރާންސް ލީގްގެ ތަށި މިލްކުކުރި ޕީއެސްޖީއާއިއެކު ރާމޯސް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައީ މި ހޫނު މޫސުމުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސައުދީގެ އަލް އިއްތިފާގާއި، ތުރުކީގެ ގަލަތަސާރޭއާއި ޕޯޗުގަލްގެ އެފްސީ ޕޯރޓޯ އަދި އެމެރިކާ ލީގްގެ ކްލަބަކުންވެސް އޭނާ ހޯދަން މަސައްކަތްކޮށްފައިވެއެވެ.

"ސާޖިއޯ އަހަރެމެންގެ ޔޫތު އެކަޑަމީއަށް އައީ އުމުރުން ހަތް އަހަރުގައި. ޔޫތު ރޭންކްތަކުގެ ތެރެއިން ކުރިއަރާފައި 2002-2003ގެ ސީޒަނުގައި އުމުރުން 16 އަހަރުގައި ރިޒާވް ޓީމުގައި ފުރަތަމަ ފަހަރަށް ކުޅުނު،" ސެވިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރާމޯސް ސެވިއްޔާ ދޫކޮށް ރެއާލް މެޑްރިޑާއި ގުޅުނީ އުމުރުން 19 އަހަރުގައެވެ. އެއަށްފަހު، އޭނާ ޕީއެސްޖީއާއި ގުޅުނީ 2021 ވަނަ އަހަރުގައެވެ. ފްރާންސްގައި ހޭދަކުރި ދެ ސީޒަންގެ ތެރޭގައި އޭނާ ވަނީ 2 ފަހަރު މަތިން ޕީއެސްޖީއަށް ފްރާންސް ލީގު ކާމިޔާބުކުރުމުގައި އެހީތެރިވެދީފައެވެ.

މީގެ އިތުރަށްވެސް، ރެއާލް މެޑްރިޑްގައި ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ 4 ޗެމްޕިއަންސް ލީގް ޓައިޓަލްއާއި 5 ލަ ލީގާގެ ޓައިޓަލް ކާމިޔާބުކޮށްދިނުމުގައި އެޙީތެރިވެފައެވެ. އޭނާ އެ ކްލަބް ދޫކޮށްފައިވަނީ ކްލަބަށް ކުޅެދިން 671 މެޗްގައި ޖުމްލަ 101 ގޯލް ޖަހާދިނުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން