ވެހިކަލްތަކުގައި މިދިޔަ ފަސް އަހަރު ޖެހި ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން މިހާތަނަށް ނުލިބޭ ބައި މައާފުކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ގަވާއިދުން ޕާކު ކުރާނެ ޖާގަ ނެތް ނަމަވެސް ޖޫރިމަނާ ކުރަމުންދާތީ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށާއި އެއީ ރައީސް ސާލިޙަށް ވެސް ގަބޫލު ކުރެވޭ ޝަކުވާއެއް ކަމަށެވެ. އެކަން އެގޮތަށް ހިނގަމުންދާކަން ރައީސާއި ސަރުކާރަށް ވެސް ގަބޫލު ކުރެއްވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ނިންމެވީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ޕާކިން ޖޫރިމަނާގެ އިތުރުން އެހެނިހެން ޓްރެފިކް ވަޔަލޭޝަންތަކުގައި ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ޖޫރިމަނާގެ ބާވަތަށް ބަލައި، ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ޖޫރިމަނާ ފައިސާ މައާފު ކުރުމަށް ނިންމައިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ސަރުކާރުން ބުނީ އެ ޓްރެއިނިން ޕްރޮގްރާމު ހިންގާނީ ފުލުހުން ކަމަށާއި އެފަދަ ޕްރޮގްރާމަކަށް ހޭދަވާނީ ދެ ހަފުތާ އާއި މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ.

އެގޮތަށް މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކުން މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން