ރިޔާސީ އިންތިހާބުން ހޮވިވަޑައިގަންނަވައިފިނަމަ ގއ. ވިލިނގިލީ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން، ރިޔާސީ ފަސް އަހަރުގެ ދައުރެއް ނިމުމުގެ ކުރިން ފުރިހަމަވެގެންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވެފައިވަނީ ގއ. ވިލިނގިލީގައި މިއަދު ކުރިއަށްދިޔަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި، ވިލިނގިލީ ރައްޔިތުން މީގެ އެތައް ދުވަހެއް ކުރިން އެދުނު ގޮތަށް އެރަށުގައި އެއަރޕޯޓު ނޭޅި ރައްޔިތުންނަށް ކުރީގެ ސަރުކާރު ތަކުން ބީރު ކަންފަތެއް ދީފައިވާކަން ފާހަގަ ކުރައްވާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވިލިނގިލީ ރައްޔިތުން އެރަށުގައި އެއަރޕޯޓެއް އެޅުމުގެ ވާހަކަ އެދިފައިވަނީ އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރ ކަމުގެ ދައުރުގައިކަމަށެވެ. އެގޮތުން އޭރުގެ ޕްލޭނިންގް މިނިސްޓަރ ދިގުރަށުގައި އެއަރޕޯޓެއް އެޅުމަށް ނިންމަވާފައި އޮތް ނިންމުން ބަދަލު ކޮށް، ވިލިނގިލީގައި ހިއްކަމުން ދިޔަ ބިން އިތުރުކޮށް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ޖާގަ ނަގައި ޓްރާންސްޕޯޓް ނިޒާމު ހަރުދަނާކޮށް، ވަޒީފާތައް އިތުރުކޮށް ލިބޭނެ އިތުރު ލުއިފަސޭހަކަމާއި ބެހޭގޮތުން އޭރުގެ ރައީސް މައުމޫން އަރިހުގައި ދަންނަވައި މަޝްވަރާ ކުރެވުނުކަމަށެވެ.

ޤާސިމް ވިދާޅުވީ އޭރު ވިލިނގިލީ ރައްޔިތުން އެދުނުގޮތަށް އޭރުގެ ކެބިނެޓުން އެމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމިކަމަށެވެ. ނަމަވެސް ވިލިނގިލީގެ ހިއްކަން އޮތް ބައި އެއްކޮށް ނުހިއްކައި އެމަސައްކަތް ނުނިމި އުޅެނިކޮށް ވިލިނގިލީ ހިއްކައި އެއަރޕޯޓު އަޅަން ހަމަޖެއްސި ފައިސާ އިން އެހެން ރަށެއްގައި އެހެން މަޝްރޫއެއް ހިންގުމަށް އޭރުގެ ޕްލޭނިންގ މިނިސްޓްރީއިން ބަދަލުކުރިކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ފަހުންވެސް ވިލިނގިލީގައި އެއަރޕޯޓެއް ތަރައްގީ ނުކުރެވުނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ކުރީގެ ސަރުކާރު ތަކަށް، ގއ. ވިލިނގިލީ ރައްޔިތުން އެދިލައްވާހެން ވިލިނގިލީގައި އެއަރޕޯޓެއް އަޅައިނުދެވުނަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ހޮވިވަޑައިގަންނަވައިފިނަމަ، ރިޔާސީ ފަސް އަހަރުގެ ދައުރެއް ނިމުމުގެ ކުރިން، ގއ. ވިލިނގިލީ ރައްޔިތުން އެދިވަޑައިގަންނަވާހެން ކަންކަން ނިމިގެން ދާނެކަމަށެވެ.

"(އެކަން ކުރަން (ވިލިނގިލީގައި އެއަރޕޯޓެއް ތަރައްގީ ކުރަން) އަޅުގަނޑު ހުށައެޅިން. މިއީ ތެދުވާހަކައެއް. އެދުވަހު އަޅުގަނޑާ ބައްދަލު ކުރަން މިނިސްޓްރީ އޮފް ފިނޭސް އަށް ވަޑައިގެންވި މިރަށުގައި އޭރުގަ އިސްކޮށް ތިއްބެވި ބޭފުޅުންގެ އެދިލެއްވުމާއި ގުޅިގެން އަޅުގަނޑު އެކަން ކުރީ. އަދި އެއާއި ގުޅިގެން މިރަށުގެ ބިންހިއްކުންވެސް ތަރުތީބުވެގެން އައީ. އަދި މިއަދުވެސް ތިބޭފުޅުން އެދިލައްވާހެން އަޅުގަނޑުމެންގެ ސަރުކާރެއްގަ، އަޅުގަނޑު ރައީސްލްޖުމްހޫރިއްޔާގެ މަގާމަށް އާދެވިއްޖެނަމަ، ފަސްއަހަރުގެ މުއްދަތު ނިމިގެންދާއިރު އެހުރިހާކަމެއް އޮންނާނީ ނިމިފަ." ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން