ވެރިކަން ލިބިވަޑައިގެންފިނަމަ މާލެ އާއި ރާއްޖެތެރޭގެ ތަފާތު ކުރުން އެއްކޮށް ނައްތާލަން ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވަޢުދުވެ ވަޑައިގެންފިއެވެ.

ތިނަދޫ ސިޓީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މާލެ އާއި ރާއްޖެތެރޭގެ ތަފާތު ކުރުން އެއްކޮށް ނައްތާލާނެ ކަމަށެވެ. އެގޮތުން މާލެއާއި ރާއްޖެތެރޭގައި އެއްހަމައަކާއި އެއްއުސޫލެއް ގާއިމްކޮށްދެއްވައި އަގުތަކުގެ ތަފާތު ނައްތާލާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކަރަންޓާއި ފެން ބިލުގެ ޖޫރިމަނާ މައާފްކޮށްދެއްވަން ނިންމަވާފައިވާކަން ވެސް އިއުލާން ކުރަށްވާފައެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް މާލެ އާއި ރަށްރަށް ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށާއި އެ ތަފާތު ކުރުން ނައްތާލަންޖެހޭ ކަމަށެވެ. އަދި ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުން މާލެ ސަރަހައްދަށް ޖަމާކުރުން ހުއްޓުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އެގޮތުން މާލެއަށް މީހުން ޖަމާކުރުން ހުއްޓުވަން ރާއްޖޭގެ ކަންކޮޅުތަކުގައި ސިޓީތަކެއް ގާއިމްކޮށް ތަހުޒީބު ވަސީލަތްތަކާއެކު ފުރުސަތުތައް އުފައްދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ދުނިޔޭގެ އެންމެ ތަހުޒީބު ސިޓީތަކުގެ ނަމޫނާއިން އެކަމުގެ އިލްމާއި ދިރާސާތައްކުރާ މާހިރުންގެ ލަފަޔާއި ބައިވެރިވުން އެކަމުގައި ހޯއްދަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާއި މިސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތް އެހެން ލެވެލްއަކަށް ގެންގޮސްދެއްވާނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި މަސްވެރިންގެ އަތުން މަސްގަންނަ އަގު މަދުވެގެން 26 ރުފިޔާއަށް ބޮޑު ކޮށްދެއްވާނެ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްޤީ އާއި ތަހުޒީބު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި އެކަމަށް އެމަނިކުފާނު ހުންނެވީ ޖޯޝާއެކު ތައްޔާރުވެގެން ކަމަށް ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން