ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ވެރިކަން ދީގެން އެއްވެސް މީހަކު ހިތާމަކުރާކަށް ނުޖެހޭނެކަމަށް ކުރީގެ ނައިބު ރައީސް ޑރ. އަބްދﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ޖިހާދު ނިސްބަތްވެޑައިގަންނަވާ ތިނަދޫގައި މިއަދު ބޭއްވި ގާސިމް އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ގާސިމަކީ ހީވާގި، މުރާލި، އަދި ކެތްތެރި، އޯގާތެރި ހިތްތިރި އަދި ރައީސެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް ފުރިހަމަ ބޭފުޅެއްކަމަށެވެ.

"ކުރިމަތިލާފައި ހުރި އެއްވެސް ބޭފުޅެއްގެ އެ ސިފަތަކެއް ނެތް އަޅުގަނޑު ބެލިއިރު. އަދި ޓްރެކް ރެކޯޑަށް ބެލިކަމުގައި ވިޔަސް، އެމަނިކުފާނަކީ މި އެއްވެސް ކެންޑިޑޭޓަކު އަރާ ހަމަކުރެވޭނެ ބޭފުޅެއް ނޫން،" ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ ގާސިމަކީ މިހާރުވެސް ކުޑަކުޑަ ސަރުކާރެއް ހިންގަވާ ބޭފުޅެއްކަމަށެވެ. އެގޮތުން މިހާރުވެސް ސަރުކާރުންދޭ ހުރިހާ ހިދުމަތްތަކެއް ގާސިމް އަމިއްލަފުޅަށް، އަމިއްލަފުޅު ހަރަދުގައި ދެއްވާކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ ގައުމު ހިންގޭނީ ގާސިމްފަދަ ތަޖުރިބާ ހުންނެވި ބޭފުޅަކަށްކަމަށެވެ.

ޖިހާދު ވިދާޅުވީ މިކަންކަމާއެކު މިފަހަރު ހުރިހާ ދިވެހި ރައްޔިތުން ގާސިމަށް ވޯޓު ދެއްވަންޖެހޭކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ބޭފުޅަކު ހިތާމަކުރާކަށް ނުޖެހޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން