ބަޔަކު އިންޑިއާ އައުޓް ކިޔަސް ޖުމްހޫރީ ޕާޓީން އެހެން ނުކިޔާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތިނަދޫ ސިޓީގައި މިރޭ ކުރިއަށްދިޔަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ، އިންޑިއާ އައުޓް ކިޔައިގެން އިންޑިއާ ރައްޔިތުންނަށް ދިވެހީން ކުރަމުންދާ އިހުތިރާމު ކުޑަ ނުކުރާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ރައްޔިތުންނާއި ދިވެހިންނާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި، މައްސަލައަކީ ޚާއިނު ވެރިން، މިރާއްޖެ ދަރާ ވިއްކާލާ އަޅުވެތި ކުރަން އުޅޭ މައްސަލަ ކަމަށެވެ.

"އަހަރުމެންނަކީ ރީތި ކްލީން ޓްރެކް ރިކޯޑެއް އޮތް ބައެއް. އަހަރުމެންގެ އަމިއްލަ މިނިވަންކަމުގައި ތިބުން އެއީ އެއްހާސް، އެއްލައްކަ ނިއުމަތަށްވުރެވެސް ބޮޑުކަމެއް، މުހިންމު ކަމެއް. އަހަރުމެން ބޭނުމެއް ނޫން އެމީހުންގެ (އިންޑިއާގެ) އަތްދަށަށްގޮސް، އެމީހުންގެ ޕަޕެޓަކަށް ވެގެން އުޅޭކަށް،" ޤާސިމް ވިދާޅުވިއެވެ.

"އަހަރުމެން އިންޑިއާ ރައްޔިތުންނަކާއި ދޭތެރޭގައި އެއްވެސް ކަހަލަ މައްސަލައެއް ނެތް. އަހަރުމެންގެ ހިތްހަލާލު. އަހަރުމެންގެ އަހުންނާއި އުހުތުންނެކޭ އެއްފަދައިން އެމީހުންނަށް އިހުތިރާމް ކުރަން. މިއުޅެނީކީ އެގައުމުގެ ރައްޔިތުންނާއި އަޅުގަނޑުމެންނާ، ނޫނީ އެގައުމާއި އަޅުގަނޑުމެންނާއި ޖެހިގަނެގެނެއް ނޫން. ބަޔަކު އިންޑިއާ އައުޓް ކިޔަސް އަޅުގަނޑުމެން ނުކިޔާނަން އިންޑިއާ އައުޓެއް. ރާއްޖޭގައި ތިބި ޚާއިނު ވެރިން މިރާއްޖެ އެގޮތަށް ވިއްކާލާ ރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރީމަ އެވާހަކަ އަޅުގަނޑުމެން މިދައްކަނީ،" ޤާސިމް އިތުރަށް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެއްގައުމަށް ދަރާ ވިކުން މިއީ ކަންބޮޑުވާ ކަމެއް ކަމަށާއި، އަދި ރާއްޖޭގައި އެތައްބައިވަރު އިންޑިއާގެ ސިފައިން ތިބުން މިއީވެސް ކަންބޮޑުވާވަރުގެ ކަމައްކަމަށެވެ. ޤާސިމް ވިދާޅުވީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުން ދަރާ ވިކިގެން ފައިސާ ހޯދުމަކީ މާމޮޅުކަމެއްވެސް ނޫންކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ޤާސިމް ވަނީ ރާއްޖޭގައި ތިބި ޚާއިނު ވެރިން މިރާއްޖެ އެގޮތަށް ވިއްކާލާ ރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާއިރު ރައްޔިތުންގެ މަޖިލިސް މެމްބަރުން ކޮބައިތޯ އައްސަވާ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން