ބައްޕާފުޅު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމުގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ބަޔަކަށް އަނިޔާލިބި ހިތާމަތަކެއް ލިބިފައިވާކަމަށް ގަބޫލުފުޅު ކުރަށްވައި ދަރިކަލުން ފާރިސް މައުމޫން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފާރިސް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވީ އޭނާގެ އަމިއްލަ ޓްވިޓަރ އެކައުންޓްގައި ހުއްސާ ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

މި ވީޑިއޯގައި ފާރިސް ވަނީ ބައްޕާފުޅު ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ބަޔަކަށް އަނިޔާވި ކަމީ ހަގީގަތެއް ކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިއްބެވި ކަމީ ހަގީގަތެއް ކަން ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފަެި ވެއެވެ.

"އަޅުގަނޑު މި ބައްދަލުކޮށްލީ ކަމެއް ސާފުކޮށްދޭން ވެގެން. ރައީސް މައުމޫންގެ ވެރިކަން ކުރެއްވި ދުވަސްވަރުގައި ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާވެ، ހިތާމަތަކެއް ހިނގި ކަމީ ހަގީގަތެއް ކަން އަޅުގަނޑު ގަބޫލުކުރަން. އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބި ކަމީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން. އަޅުގަނޑު މިކަމަށްޓަކައި ތިބޭފުޅުން އަރިހުން ނިހާޔަތަށް މައާފަށް އެދެން. މީގެ އިތުރުން، އަޅުގަނޑު ވަރަށް ފަހުން ދެއްކި ވާހަކަތަކެއްގެ ސަބަބުން މި ހިތާމަތައް އިތުރުވެގެންދިޔަ ކަމީ ހަމަ ހަގީގަތެއް، އެހެންވީމާ މިކަމަށްޓަކައިވެސް އަޅުގަނޑު ތިބޭފުޅުން އަރިހުން ނިހާޔަތަށް މައާފަށް އެދެން. އަޅުގަނޑުގެ އަޒަުމަކީ އަޅުގަނޑުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފުރިހަމަ ތަސައްލީއެއް ލިބުން." ފާރިސް ވިދާޅުވިއެވެ.

އަދި ހަމައެއާއިއެކު، ފާރިސް ވަނީ އޭނާގެ ސަރުކާރެއްގައި މިފަދަ އެއްވެސް ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން