ކޮންޓެއިނަރ ޕާރކްގެ ކޯ ވޮރކިންގ ސްޕޭސް ރަސްމީކޮށް ހުޅުވައިފިއެވެ.

ކޮންޓެއިނަރ ޕާރކް އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އަރބަންކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އިއްޔެ ރަސްމީކޮށް ހުޅުވި ކޮންޓެއިނަރ ޕާކް އަކީ، ހުޅުމާލެ ޒަމާނީ "އަރބަން" ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އަރބަންކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އެގޮތުން މި ކޮންޓެއިނަރ ޕާކަކީ ޒަމާނީ އަދި "އާޓިސްޓިކް" ޕްލޭނެއްގެ ދަށުން، ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ތަނެއްކަމަށް އަރބަންކޯއިން ބުނެއެވެ.

އަރބަންކޯއިން ބުނީ، ކޮންޓެއިނަރ ޕާރކްގެ މި ކޯ ވޮރކިންގ ސްޕޭސް މެދުވެރިކޮށް ހުޅުމާލޭގައި އަލަށް ވިޔަފާރިތައް ފަށާ ފަރާތްތަކަށާއި، އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި، ގްރޫޕްތަކަށް އެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށެވެ. އަދި ފުރަތަމަ މަހު މި ކޯ ވޯރކިންގ ސަރަހައްދުން ޖާގަ ދޫކުރާނީ ހިލޭކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.

އެތަނުން ޖާގަ ހޯދުމަށް އޮންލައިން ޕޯރޓަލްއެއް މެދުވެރިކޮށް ޖާގަ ބުކްކޮށްލެވޭނެ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މި ކޯ ވޮރކިންގ ސްޕޭސް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9އަކުން އިރުއޮއްސި 6އެއްގެ ނިޔަލަށެވެ.

މީގެއިތުރުން، ވަރަށް އަވަސް މުސްތަގްބަލެއްގައި ކޮންޓެއިނަރ ޕާކުގައި ޓޭކްއަވޭ ކެފޭ އަކާއި، ފާސްޓް ފުޑް އައުޓްލެޓް އަދި މީޓިން ރޫމެއް ގާއިމުކޮށް، އެ ސަރަހައްދުގެ އޯޕަން އޭރިއާގައި އާންމުންނަށް އެއްވެ އުޅެވޭ ޕާކެއްގެ ގޮތުގައި ތަރައްގީކުރެވިގެންދާނެކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.

އަރބަންކޯއިން ހާމަކޮށްފައިވާގޮތުން މި ކޮންޓެއިނަރ ޕާކުގެ މައިގަނޑު މަގްސަދަކީ ލައިވްލީ އަދި ކޮމިއުނިޓީ އެންގޭޖިންގ މާހައުލެއް ބިނާކުރުމެވެ. މީގެއިތުރުން އާޓިސްޓުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ފަދަ ހަބެއް ތައްޔާރުކުރުމެވެ. މި ޕާކް މެދުވެރިކޮށް ހުޅުމާލޭގެ ގިނަ ޒުވާނުންތަކަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އަރބަންކޯއިން ދެކެއެވެ.

އަރބަންކޯއިން ދަނީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް މުޖަތަމައަށް ފައިދާކުރުވަނިވި ކަންތައްތައް ވީހާވެސްގިނައިން ކުރިއްށްގެންދަން މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން