ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހިރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރ އެލެކްޒެންޑަރ ޑައުނަރ ވިދާޅުވެއްޖެއެވެ.

ޑައުނަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓަރ) ގައި ދެއްވާފައިވާ މެސެއްޖެއްގައެވެ.

ޑައުނަރ ވިދާޅުވީ ރާއްޖޭގެ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކުރިއެރުންތަކަށްވެސް ބެލުން މުހިންމު ކަމަށާއި، އެމަނިކުފާނު ވަނީ ޑިމޮކްރެޓިކް ރީތި ވެރިކަމުގެ އުސޫލުތަކާއި ބައިނަލްއަގްވާމީ އެކި ގުޅުންތައް ދަމަހައްޓަން މަސައްކަތް ކުރަށްވައި އެއްބާރުލުން ދެއްވާފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބުނު އެންމެ ބޮޑު ފައިދާއަކީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އަނބުރާ ދިވެހި ރާއްޖެ ބަލައިގަތުން ކަމަށް ޑައުނަރ ވިދާޅުވިއެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހިރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވޭ. އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން، އެމަނިކުފާނު ހާސިލް ކުރައްވާފައިވާ ކަންކަމަށް އަޅުގަނޑު ތައުރީފުކުރަން."



ރައީސް ޞާލިޙުގެ ވެރިކަމުގައި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހިރާއްޖެއަށް އައި ބޮޑެތި ކުރިއެރުންތައް ފާހަގަކުރައްވަމުން ޑައުނަރ ވިދާޅުވީ، ދިވެހިރާއްޖޭގައި ވަޒީފާގެ މާހައުލުގައި ލިބޭ އިނާޔަތްތައް އިތުކޮށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެންޖެހޭ 10 އިންސައްތަ ސަރވިސް ޗާޖު ހަމަ ހަމަ ގޮތެއްގައި ބަހައި، ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ސޯލިހް މަސައްކަތް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިއާ ފަދައިން ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައަޅައި އިގްތިސާދީ ހަމަހަމަކަމާއި ދިމާލަށް ވާސިލުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޑައުނަރ ވިދާޅުވީ އޮސްޓްރޭލިއާ އަދި ދިވެހިރާއްޖޭގައިވެސް ތައުލީމު ކުރިއެރުވުމަށް އިސްކަމެއް ދޭކަމަށެވެ. އަދި މިކަން އިތުރަށް ފުރިހަމަކޮށް ރާއްޖޭގައި އެކި ދާއިރާތަކުން އިގުތިސާދީ ކުރިއެރުން ހޯދުމަށް، ދިވެހިރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތު ހުޅުވާލުމަކީ ފާހަގަކޮށްލެވޭ ކަމެއްކަމަށް ޑައުނަރ ވިދާޅުވިއެވެ.

މީގެއިތުރުން އިގުތިސާދު ކުރިއެރުވުމަށް އޮންނަ އަންހެނުންގެ ދައުރު ފުޅާކޮށް، ވަޒީފާގައި ހުރެ ބަލިވެ އިންނަ ކޮންމެ އަންހެނަކަށް ވިހެއުމަށްދޭ ޗުއްޓީ ހަމަސްދުވަސް އިތުރުކޮށްދިނުމަކީ ވެސް ފާހަގަކޮށްލެވޭކަމެއްކަމަށް ޑައުނަރ ވިދާޅުވިއެވެ. ޑައުނަރ ވިދާޅުވީ މިއީ އިސްލާމީ ގައުމުތަކުގެ ތެރެއިން ވިހެއުމަށްދޭ ޗުއްޓީ، ހަމަސްދުވަހުގެ މުއްދަތަކަށް ކަނޑައަޅާފައިވާ ފުރަތަމަ ގައުމުކަމަށެވެ.

ދިވެހިރާއްޖެއަކީ ސައިޒުން ކުޑަ ގައުމެއް ނަމަވެސް، މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތަކުން ދިވެހިރާއްޖެ އަރައިގަތުމަށް ޤާނޫނުތައް ހަރުދަނާކޮށް އެތައް މަސައްކަތްތަކެއް ރައީސް ސޯލިހު ކުރަށްވާފައިވާ ކަމަށާއި އަދި ކުރަމުންދާކަމަށް ޑައުނަރ ވިދާޅުވިއެވެ.

"މިހެންކަމުން، އިންތިޚާބަށް މިސްރާބު ޖަހާއިރު، އަޅުގަނޑު އުންމީދު ކުރަން، ދިވެހީންނަށް ލިބިފައިވާ ކުރިއެރުންތައް ހަނދާންކޮށް، ރަނގަޅު ލީޑަޝިޕަކާއެކު މުސްތަޤްބަލަށް ދާން ވިސްނާނެ ކަމަށް." ޑައުނަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން