9 ސެޕްޓެމްބަރގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނަށްވުރެ ސާފު ޓްރެކް ރިކޯޑެއް އޮތް ކެންޑިޑޭޓެއް ނެތް ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި ބޭއްވި "ހާސްކަނޑާލާ، ހަމަޖެހޭނެ" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުން ވޯޓްލާއިރުގައި އެންމެ ޓްރެކް ރިކޯޑު ސާފު، އެންމެ އެކަށޭނަ މީހަކަށް ވޯޓުލުމަކީ ލާޒިމް ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ކަށަވަރު މިތިއްބެވި ބޭފުޅުން ދެއްކެވި ވާހަކައިން އަދި އަޅުގަނޑަށްވުރެ ރަނގަޅު ޓްރެކް ރިކޯޑެއް އޮންނަ މީހަކު ނުހުންނާނެ މިހާރު މި ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ތެރެއިން. އަޅުގަނޑަށްވުރެ ސާފުތާހިރު، އެނާޖެޓިކް، ތަޖުރިބާހުރި، ކަންތައްތަކުގައި ވިސްނުން ހުރި މީހަކު ނެތް ކަން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު އުޅުއްވަނީ ވެރިކަން ބޭނުންވެގެން ނޫން ކަމަށާއި ބޭނުންވަނީ ހަމައެކަނި ޤަައުމަށް އިސްލާހީ ބަދަލުތައް ގެންނަން ކަމަށެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ކޮންމެހެން ވެރިކަން ބޭނުންފުޅުވާނަމަ އެމްޑީޕީ ނުވަތަ ޕީޕީއެމްގެ ވެރިއަކަށް ވާން މަސައްކަތްކުރީސް ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ވަރަށް ފަސޭހަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ދެ ޕާޓީއަކީ އެމަނިކުފާނުގެ މަސައްކަތުން އުފެއްދެވި ދެ ޕާޓީ ކަމަށް ވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެން ނަމަވެސް، އެގޮތަށް ކަންތައް ނުކުރައްވާ ކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ބޭނުންވީ ވެރިކަމެއް ނޫން. އަޅުގަނޑު ބޭނުންވީ މި ގައުމަށް އިސްލާހު. އެގޮތުން، މި ގައުމު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑު ވެރިކަމަށް މި ނިކުތީ." ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން