އެ މަނިކުފާނު ވެރިކަމުގައި ހުންނެވި ނަމަ، ބޭސްފަރުވާއަށް ރައްޔިތުން ސަލާންޖަހާ މަންޒަރު ބައްލަވަން ނުހުންނަވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހއ. އިވަންދޫގައި ބޭއްވި "ހާސްކަނޑާލާ، ހަމަޖެހޭނެ" ކެމްޕެއިން ބައްދަލުވުމުގައި ވާޙަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުން ސޯޝަލް މީޑިއާގައި ބޭސްފަރުވާއަށް އެހީ ހޯދަން ސަލާންޖެހުން ހުއްޓުވާލާ، ހައްލު ގެނެސްދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ އާސަންދަ އާއި އެންސްޕާ ހުންނައިރުގައިވެސް، ރައްޔިތުން ބޮޑެތި ބަލިތަކުގެ ބޭސްފަރުވާއަށް އެދި ސަލާން ޖަހާ މަންޒަރު ފެނިވަޑައިގަތުމަކީ އޭނާގެ ލަގޮނޑިއަށް ކެތްކުރައްވަން ދަތި މަންޒަރެއް ކަމަށެވެ.

"ބޭސް ސިޓީއަށް ސަލާން ޖަހަން ވެބްސައިޓްތަކުގައި ޖަހައިގެންވެސް އެއްވެސް އެއްޗެއް ނުލިބިގެން ސޯޝަލް މީޑިއާގައި ފަތުރަމުން ދާއިރު، އަޅުގަނޑުމެން އެ ބުނާ އާސަންދައާ ބާސަންދައާ އެބުނާ އެންސްޕާ އާ ކޮބައިތޯ؟ މަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރިނަމަ ލާހިކެއް ނޫން އެކަހަލަ އެކަކުވެސް ސޯޝަލް މީޑިއާ އާ ހަމައަށް ދާކަށް. ފެންނަ އިރަށް ވަގުތުން ކޮށްދޭނަން." ގާސިމް ވިދާޅުވިއެވެ.



ކުރީގައި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާފައި ނުވުމަކީ ލަދުވެތިވާން ޖެހޭ ކަމެއްގެ ގޮތުގައި ގާސިމް ފާހަގަކުރެއްވިއެވެ.

ގާސިމް ވަނީ މީގެ ކުރީގައިވެސް އަމިއްލަފުޅު ޚަރަދުގައި އެތައް ބަޔެއްގެ ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަވައި ދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން