އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑަައިގެންފިނަމަ މިފަހަރުގެ އިންތިހާބު މިއީ ރާއްޖޭގައި ބޭއްވޭނެ އެންމެ ފަހު ރިޔާސީ އިންތިހާބަށް ވެގެން ހިގައިދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަގަހަ އެއް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ކެމްޕޭނު ތަރުޖަމާނު މާރިޔާ އަހުމަދު ވިދާޅުވީ، ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ މިއީ ރާއްޖޭގައި ބާއްވާ އެންމެ ފަހު އިންތިހާބަށް ވެގެން ހިގައިދާނެ ކަމަށެވެ. އަދި ޑރ.މުއިއްޒުގެ ވެރިކަމެެއްގައި ރާއްޖެ ބިރުވެރިތަނަކަށް ބަދަލުވެ ކަންދަހާރަށް ވެގެން ހިގައިދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ މުއިއްޒު ވަށައިގެން ތިއްބެވީ ޑިމޮކްރަސީ އާއި ވޯޓް ގަބޫލުކުރާ ބަޔެެއްނޫން ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި އަޅުގަނޑުމެންގެ ވާދަވެރި މުއިއްޒު އިހުތިޔާރުކޮށްފި ކަމަށް ވަންޏާ އަޅުގަނޑަށް ފެންނަނީ ވަރަށް ބިރުވެރިކަމެއްގެ ތެރެއަށް މި ރާއްޖެ ދާތަން، އަޅުގަނޑަށް ހީވާގޮތުގައި މިއީ ރާއްޖޭގައި ލާނެ އެންމެ ފަހު ވޯޓް، ލައްކަ ވާހަކަ އަޅުގަނޑު މި ދަންނަވަނީ އެބޭފުޅާ ވަށާލައިގެން ތިބީ ޑިމޮކްރަސީ އާއި ވޯޓާއި ގަބޫލުނުކުރާ ބައެެއް އެހެންވީމަ އެކި ވައްތަރުގެ އެކި ކަހަލަ ޝޫރާ މަޖިލީހުން އެކި ގޮތްގޮތަށް ނެރުއްވައިގެން މި ފަސްއަހަރަށްފަހު ދެން ވޯޓަށް ބަލާލާއިރު އަޅުގަނޑުމެންނަށް އަންނާނީ އެކި ވައްތަރުގެ ފަތުވާތައް ވޯޓްލުން ވޯޓް ދިނުން އެއީ ހަރާމް ކަންކަމަށް،" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރާއްޖޭގެ މިސްރާބު ހެއު ފާލަކަށް ގެންދިޔުމުގެ ބާރު އޮތީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ރަނގަޅު މިސްރާބަށް ރާއްޖެ ގެންގޮސް އުފާވެރި އަމާން ރާއްޖެއެއް ހޯދޭނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރައީސް ސާލިޙަށް ރައްޔިތުން ވޯޓް ދީގެން ކަމަށް މާރިޔާ ވިދާޅުވިއެވެ. އެކަމަނާ ވަނީ މަދު ފައިސާކޮޅަކަށް ރާއްޖޭގެ މުސްތަގުބަލް ވިއްކާނުލުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"ތިބޭފުޅުންނަށް މެނިފެސްޓޯ ހުށައަޅައިގެން ތިބޭފުޅުންގެ ރާއްޖެއެއްގެ ގޮތުގައި މި ރާއްޖެ ބާއްވަން ބޭނުންފުޅު ކަމަށް ވަންޏާ ރައީސް ސާލިޙަށް ހެއު ފާހަގަ ޖައްސަވާ، އެއްބުރުން މި ނަންގަވާ. އަޅުގަނޑުމެން އެކަކު ވެސް ބޭނުމެެއް ނުވޭ މި ރާއްޖެ ކަންދަހާރަކަށް ބަދަލުވާކަށެެއް. މިއަދު ޓިކްޓޮކް ޖަހާފައި އެކިގޮތްގޮތަށް ނުކުމެގެން އުޅުނެއް ކަމަކު މިއުޒިކު ތި ލަވަ އޭނާގެ ކެމްޕެއިނަށް ޖެހިކަމަކު އޭނަ ހޮވުމަށްފަހު ވަރަށް ބިރުވެރިތަނަކަށް މި ރާއްޖެ ބަދަލުވާނެ." މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން