އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ދެއްކުންތެރި ބޭފުޅަކަށް ނުވިޔަސް، އެމަނިކުފާނަކީ އެހެން އިންސާނުންނެކޭ އެއްފަދައިން އިހުސާސްތައް ހުންނަ ހިތްތިރި ބޭފުޅެއްކަމަށް ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން، ފަޒްނާ ވިދާޅުވީ ރައީސް ޞާލިޙަކީ ދެއްކުންތެރި ބޭފުޅެއް ނޫންކަން އެކަމަނާއަށް ޔަގީން ވަނީ އެމަނިކުފާނާއިއެކު 30 އަހަރު ހޭދަކުރައްވާފައިވާތީ ކަމަށެވެ. އަދި އެމަނިކުފާނުގެ ހިތްތިރި ކަމުން ދިމާވާ ކޮންމެ ކަމެއްގައި ކެތްތެރިކަން އިސްކުރެއްވި ކަމަށް ފަޒުނާ ވިދާޅުވިއެވެ.

"އިބޫއަކީވެސް އިންސާނެއް. ކޯފާވެސް ވާނެ. އެހެން ނަމަވެސް، އިބޫއާއި ކުރިމަތިވާ ކޮންމެ އިމްތިހާނެއްގައި އިސްކުރެއްވީ ކެތްތެރިކަން." މެޑަމް ފަޒްނާ ވިދާޅުވިއެެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ ނޫސްވެރިޔާ ރިޟްވާންގެ މަރާބެހޭ ރިޕޯޓް ވިދާޅުވި ރޭގައި އެމަނިކުފާނު ރޭގަނޑު ނިދިކުރެއްވުމުގެ ތެރެއިން އެމަނިކުފާނު ގަތް ބިރު ހާމަވެގެންދިޔަ ކަމަށެވެ. އަދި އެކަމަނާ ސުވާލު ކުރެއްވުމުން، ރިޟްވާންގެ ރިޕޯޓް ވިދާޅުވުމަށްފަހު އަވަހާރަފުޅުލެއްޕެވުމުން ހިތް ނުތަނަވަސް ވެވަޑައިގަތުމުން ވީ ގޮތެއް ކަމުގައި ވިދާޅުވިކަމަށް ފަޒުނާ ވިދާޅުވިއެވެ.

މިފަހުން އެމަނިކުފާނު އެންމެ ހާސްވެވަޑައިގަތް ވަގުތުކޮޅަކަށް ފެނިވަޑައިގެންނެވީ މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭއަށް ނުޖެއްސިގެން އުޅޭ ޚަބަރު ލިބިވަޑައިގެންނެވި ވަގުތުކޮޅުކަން މެޑަމް ފަޒްނާ ފާހަގަ ކުރެއްވިއެވެ. އަދި އެކަމަނާ ރައީސް އަރިހުން ސުވާލުކުރެއްވުމުން އެ ފްލައިޓްގައި ކުޑަކުޑަ ކުދިން ތިބޭނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ. އަދި ކޮވިޑްގެ ދެވަނަ ރާޅުގަނޑު ޗައިނާއަށް އެރުމުންވެސް، ދިވެހިންނަށް ދިމާވެދާނެ ގޮތަކާއި ދޭތެރޭގައި ކަންބޮޑުވުން ފާޅުކުރެއްވި ކަމަށްވެސް ފަޒުނާ ވިދާޅުވިއެވެ.

'

މީގެ އިތުރަށްވެސް. ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވަރަށް ބޮޑެތި ވައުދުތައް ވެވަޑައިގެންފައިވުމުން އާއިލާއަށް ދެވޭ ވަގުތު ކުޑަކުރައްވާނެ ކަމަށް އެކަމަނާ އަރިހުގައި ވިދާޅުވިކަމަށްވެސް ފަޒުނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ އެ ދެކަނބަލުންވެސް ރައްޔިތަކު ތާއީދުކުރާ ޕާޓީއަށް ބައްލަވާފައި ތަފާތު ނުކުރައްވާ ކަމަށެވެ.

"އެއް ދުވަހަކު މީހަކު ރުޅިއައިސްގެން ސިޓީއެއް ފޮނުވި. އޭގައި އޮތް ބަދުދުއާ ކުރާނަމޭވެސް (ލިޔެފަ). ދެން އަޅުގަނޑުގެ ސެކްރެޓަރީވެސް ވިދާޅުވެއްޖެ ކިހިނެއްހޭ މިއަށް ހަދާނީ. ދެން އަޅުގަނޑު ބުނިން މީނައާއިވެސް ޖެހޭނެއެއްނޫންހޭ ވާހަކަދައްކަން. އެމީޙާ އައިސް ރޮއެފަ ބުނެލި ތިމަންނަ ރުޅިއައިސްގެން ބުނެވުނު އެއްޗެކޭ. އޮޕޮޒިޝަންގައި ހިތްހަމަނުޖެހޭ މީހުންނާއިވެސް ދިމާވޭ. އެ ހިތްހަމަނުޖެހުމުގެ މައްޗަށް އެމީހުން ޤަބޫލުކުރޭ އެމީހުން އިތުބާރުކުރާކަން އިބޫއަށް." ވަކި ޕާޓީއަކަށް ނިސްބަތް ވުމުން އެއްވެސް މީހަކަށް ތަފާތު ނުކުރަށްވާ ކަމުގެ މިސާލު ދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވިއެވެ.



މެޑަމް ފަޒްނާ އިތުރަށް ވިދާޅުވީ މީހުންނާއި ބެހޭގޮތުން ޝަކުޥާ އަޑުއައްސަވަންވެސް ރައީސް ޞާލިހު ބޭނުންފުޅު ނުވާ ކަމަށެވެ. އެެއީ އެމަނިކުފާނުގެ ކިބައިގައި ހުންނަ އެކަމަނާ އެންމެ ގަޔާވާ އެއް ސިފަފުޅު ކަަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން