ޒަހީނުއްދީން ސަޢީދު   7 ސެޕްޓެމްބަރު 2023 - 19:29
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 3 ދައުވާއެއް ސާބިތުވެ އޭނާ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް ޒިޔަތުގެ މައްޗަށް ހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ އިތުރު ތިން ދައުވާ އެއް ސާބިތުވުމުންނެެވެ. މި ތިން މައްސަލައަކީވެސް ދައުލަތުން ޒިޔަތާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދަން ހުށަހަޅާފައިވާ ތިން މައްސަލައެކެވެ.

މައްސަލަ ހުށައެޅުމަށްފަހު ދައުލަތުގެ ވަކީލުން ކޯޓުގައި ވިދާޅުވީ އިއުތިރާފު އެއްބަސްވުމަށް އަމަލު ކުރާ ޙާލަތުގައި އެ ދައުވާތަކާއި ގުޅިގެން އަންނާނެ އަދަބަކީ 12 އަހަރުގެ ޖަލު ޙުކުމެއް ކަމަށެވެ.

ދައުވާތައް އިއްވައި، ދައުވާތަކާއި ގުޅިގެން އަންނާނެ އަދަބު ބަޔާން ކުރެއްވުމުން ޒިޔަތު ވަނީ ހުރިހާ ދައުވާއަކަށްވެސް އިއުތިރާފުވެފައެވެ.

ދައުވާ ތަކަށް ޒިޔަތު އިއުތިރާފުވުމާއެކު ގާޒީ ވަނީ ޒިޔަތުގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅުއްވާފައެވެ.

އެއަށްފަހު މިއަދު ވަނީ މި މައްސަލައިގައި އަވަސްނިޔާގެ ދަށުން އޭނާގެ މައްޗަށް ހުކުމް އިއްވާފައެވެ. އެގޮތުން 3 ދައުވާއާ ގުޅިގެން ކޮންމެ ދައުވާއަކަށްވާ 4 އަހަރުގެ ޖަލު ޙުކުމެއް ޒިޔަތަށް އިއްވިއެވެ. އެހެންކަމުން ޖުމުލަ 12 އަހަރުގެ ޖަލު ޙުކުމެއް ޒިޔަތަށް މިއަދު ވަނީ އިއްވާފައެވެ.

އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން ކޮށްފައިވާ ގިނަ ދައުވާތަކެއް ސާބިތުވެ ޒިޔަތު މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން