އެއް އަހަރުދުވަހުގެތެރޭގައި ކީރިތި ގުރުއާން ތަފްސީރު، ދިވެހި ބަހުން އެކުލަވާލައްވައި ނެރުއްވަން ވެވަޑައިގެންނެވި ވަޢުދު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ފުއްދަވައިފިއެވެ.

މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޤާސިމްގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޢުދެކެވެ.

ޤާސިމްގެ ރިޔާސީ މެނިފެސްޓޯގައި، އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަތު ވަރުގަދަކުރުމުގެ ބާބުގައި ޖުމުލަ 16 ވައުދެއް ހިމަނުއްވާފައިވެއެވެ. ކީރިތި ޤުރްއާނުގެ ތަފްސީރު ދިވެހިބަހުން އެކުލަވާލައި ނެރުއްވުމަކީ މިބައިގައި ހިމެނޭ މުހިންމު ވަޢުދެކެވެ.

"ބަޔާންވެގެންވާ ފަސޭހަ ތަފްޞީރު"ގެ ނަމުގައި މިރޭ ވަނީ ޤާސިމްގެ އިސްނެންގެވުމުގެ މަތިން އެކުލަވާލެއްވި ތަފްސީރުފޮތް ނެރުއްވާފައެވެ. މިއީ ކީރިތި ޤުރުޢާނުގެ ތަރުޖަމާއާއި ތަފްޞީރުގެ މައްޗަށް އެކުލެވޭ ފޮތެކެވެ. މިރޭ ނެރުނީ މިފޮތުގެ ވެބް ވާޝަނެވެ. މިވާޝަން ނެރުމަށްފަހު ދާދިއަވަހަށް ފޮތެއްގެ ސިފާގައި ޗާޕްކޮށްގެންވެސް ނެރޭނެއެވެ.

ހަ ބާބެއްގެ މައްޗަށް އެކުލެވޭ މި ފޮތުގައި ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅުތައް ހިމަނުއްވާފައިވެއެވެ. މިފޮތުގެ 50،000 ޗާޕުކުރި ހާޑް ކޮޕީ ޗާޕުކުރައްވައި ނެރުއްވައި އާންމުރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމަށް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފަައެވެ.

މި ތަފްޞީރު ފޮތް ތަރުޖަމާކޮށް ލިޔުއްވީ އައްޝައިޚް މުޙައްމަދު ޢަބްދުﷲއެވެ. ޕްރޫފް ރީޑްކުރެއްވީ އަބްދުﷲ އަބްދުލް މުޙުސިނާއި އިޔާޒު ޖާދުﷲ ނަސީމެވެ. މި ފޮތުގެ ވެބް ވާޝަންގެ މަސައްކަތް ކޮށްފައިވަނީ ކަނޑުނޫގޭ މުހައްމަދު އިޤްބާލެވެ.

ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ތަޢުލީމާއި ދީނީ ހޭލުންތެރިކަމާއި ޢިލްމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އެމަނިކުފާނު މިރޮނގުން މަސައްކަތް ކުރެއްވި މިންވަރަށް މަސައްކަތްކުރި ވަކިފަރުދަކު ނުވެސް ނެތެވެ.

މިހާރުވެސް ރާއްޖޭގައި އަމިއްލަ ފަރުދަކު އަމިއްލަ ޚަރަދުގައި ހިންގަވާ އެންމެ ބޮޑު ތަޢުލީމީ އެއް މުއައްސަސާ ވިލާ ކޮލެޖުން އެތައް ސަތޭކަ ދަރިވަރުންނެއް އަންނަނީ ތަޢުލީމު ޙާސިލްކުރަމުންނެވެ. އަދި ޤާސިމްގެ ހިލޭ އެހީއާއި ލޯނު އެހީގައި އެތައްބަޔަކު ވަނީ މަތީ ތަޢުލީމު ޙާސިލްކޮށްފައެވެ. އަދި މިހާރުވެސް ތަޢުލީމް ޙާސިލްކުރަމުން ދެއެވެ.

މިފަހަރުގެ ރިޔާސީ ކެމްޕެއިނާއެކު ޤާސިމްވަނީ މިއަހަރާހަމައަށް އެމަނިކުފާނު ދަރިވަރުންނަށް ދެއްވާފައިވާ ހުރިހާ ލޯނެއް މަޢާފްކޮށްދެއްވާފައެވެ. ރާއްޖޭގައި އިސްލާމީ ވަޙުދަތު ވަރުގަދަކުރެއްވުމަށް ޤާސިމްގެ ރިޔާސީ މެނިފެސްޓޯގައި މުހިންމު ސިޔާސަތުތަކެއް ހިމަނުއްވާފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ސެންޓަރުތައް ގާއިމްކުރުމާއި، ޢުމުރުން 65 އަހަރުން މަތީގެ 100 މީހުން ސަރުކާރުގެ ހަރަދުގައި ކޮންމެ އަހަރަކު ހައްޖަށް ފޮނުވުމާއި، ދިވެހި ބަހުން ދީނީ ފޮތް އިތުރުކޮށް އިސްލާމީ ލައިބްރަރީއެއް ގާއިމްކުރުމާއި، 500 ހާފިޒުން އުފައްދައި 3000 ރުފިޔާގެ އެލަވެންސެއް ދިނުމާއި، ފަތުވާ މަޖިލިސް ހަރުދަނާކުރުންފަދަ އެތައްކަމެއް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން