ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ނައިބު ރައީސް ދިރިއުޅުއްވާ ހިލާލީގެ ހައްދަވާނީ ގޭންގްތަކުގެ ކޮމާންޑް ސެންޓަރަކަށް ކަމަށް ހޯމް މިނިސްޓަރ، އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ކުރިއަށްގެންދިޔަ "އުފާވެރި އައްޑޫ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ޑރ. މުޢިއްޒުގެ ރިޔާސީ ކެމްޕެއިނަށް ފަންޑް ކުރައްވަނީވެސް ގޭންގްތަކުގެ މީހުން ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން ވިސްނާވަޑައިގަންނަވާ، މިސާލެއްގެ ގޮތުން ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބު ކުރައްވައިފިނަމަ ނައިބު ރައީސް އުޅޭ ހިލާލީގެ ވާނީ ގޭންގުތައް އޮޕަރޭޓުކުރާ ކޮމާންޑު ސެންޓަރަކަށް." އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ޑރ.މުޢިއްޒުގެ ވެރިކަމެއްގައި ޕޮލިސް ކޮމިޝަނަރ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާނީ ގޭންގް ލީޑަރުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ޑރ. މުޢިއްޒުއާއި ގުޅޭގޮތުން އޭނާ އެކުރަށްވާ ތުހުމަތަކީ ކިހާ ވަރެއްގެ ތުހުމަތެއްކަން އެނގިވަޑައިގެން ދައްކަވަ ވާހަކަ ތަކެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި ވާހަކަ ހާމަކުރައްވައިގެން އޭނާއާއި އާއިލާ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވަދެވިއްޖެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.



ފުލުހުންގެ މުއައްސަސާއާއި ހަވާލުވެވަޑައިގެން ހުންނެވި އިމްރާން ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ބޭފުޅުންނަށް މި ވާހަކަ އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"މިއީ އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއް ނޫން. ސަލާމަތީ ބާރުތަކުގެ ބޭފުޅުންނަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށް އިނގޭ އަޅުގަނޑު މި ދައްކަނީ ކިހާ ނުރައްކާތެރި ވާހަކައެއްކަން." އިމްރާން ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ޞާލިޙަށް ވަނީ އައްޑޫ ސިޓީގެ މެޖޯރިޓީ އެއްބުރުން ކާމިޔާބުކުއްރެވިފައި ކަމަށެވެ. އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް އެމްޑީޕީން ވަނީ އައްޑޫ ސިޓީގެ މެޖޯރިޓީ ހާސިލުކޮށްފައި ކަމަށް އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން