މިހާރު އެ ހުންނެވި މިނިވަންކަމާއި ހަމައަށް ވަޑައިގެންނެވީ ޕެޕާ ސްޕްރޭ ބޮވުމުގެ އިތުރަށް ޖަލުގައި ދުވަސްތައް ހޭދަކުރެއްވުމަށްފަހުގައި ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

އައްޑޫގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރޭ ބޭއްވި، ކެމްޕެއިން ޖަލްސާ "އުފާވެރި އައްޑޫ" ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އޭނާއަށް މިހިސާބަށް ވަޑައިގެންނެވުނީ އެތައް ކަންތައްތައް ތަހައްމަލުކުރުމަށްފަހުގައި ކަމަށެެވެ. އިމްރާން ވިދާޅުވީ މިއަދުގެ ޒުވާނުންނަށް އެކަންތައްތައް ނޭނގިދާނެ ކަމަށެވެ.

"ރަނގަޅަށް ވިސްނަވާލައްވާ ހުރިހާ ޒުވާނުން. އަޅުގަނޑުމެން މި ރާއްޖެއާއިއެކު މިއަދު މި ހިސާބަށް މިއައީ ޕެޕާ ސްޕްރޭ ބޮއެގެން، އަޅުގަނޑުމެންގެ ގައިގައި މުގުރުން ތެޅިގެން، އަޅުގަނޑު ގައިގައި ބިޑި އެޅުވިގެން، ޖަލަށް ވަދެގެން އަޅުގަނޑުމެން މި ރާއްޖެ މި ހިސާބަށް މި ގެނައީ. ރައީސް މިހިސާބަށް ރާއްޖެ މި ގެނައީ" އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން، ރާއްޖެ އަލުން ސަލާމަތްކުރުމަށް މިއަދުގެ ޒުވާނުންނަށް އޭނާ ތަޖުރިބާ ކުރެއްވި ކަންތައްތައް ތަޖުރިބާ ކުރުވާކަށް ބޭނުން ނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ. ވީމާ، އަމަން އަމާން ގައުމަކަށްޓަކައި ސެޕްޓެމްބަރ 9 ގައި ރައީސް ޞާލިހަށް ވޯޓް ދެއްވުމަށް އިމްރާން އިލްތިމާސް ކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން އިތުރަށް ވިދާޅުވީ ރައީސް ޞާލިޙަށް ވަނީ އައްޑޫ ސިޓީގެ މެޖޯރިޓީ އެއްބުރުން ކާމިޔާބުކުރެވިފައި ކަމަށެވެ. އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް އެމްޑީޕީން ވަނީ އައްޑޫ ސިޓީގެ މެޖޯރިޓީ ހާސިލުކޮށްފައި ކަމަށް އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން